އަމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާހެއް ނުކުރި އަމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާހެއް ނުކުރި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ވެއްދި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
އަމީންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އިތުބާރު ނެތް ކަމަށް ފާސްކުރުމާ ދެކޮޅަށް 54 މެންބަރުން ވޯޓު ދެއްވި އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދިީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލައިގެ ނޯޓިސް އަމީންއަށް ފޮނުވީ މިމަހު 1، ގަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، އޭނާ ވެއްޓުނު ހ. ފެންޓެނޯއި ގެއަށް އޭނާ އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން ގ. ކަށިވެލި އަދި މއ. މާންދޫގެ ދެކުނުގެއަށް ދިޔަ އެވެ. ފުރަތަމަ ދިޔަ ގެއަކީ އަމީންގެ ގެ އެވެ. އޭރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ތުހުމަތުތައް އަމާޒުވެފައިވާ ގޮތުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވި އެވެ. އެކަން ފުލުހުން ފުރަތަމަ ސިއްރު ކުރުމަށްފަހު މީޑިއާތަކަށް އެކަން ހާމަކޮށް އަމީންގެ ގެ ބަލައި ފާސްކުރީ ހާދިސާ ހިނގައިދިޔަތާ ހަ ދުވަސް ފަހުންނެވެ.
މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރުން ލަސްވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އަދި ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ ތުހުމަތުވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.
މިއަދުގެ ޖަލްސާއަށް ހާޒިވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވަނީ އޭނާގެ މައްޗަށް ކުރާ ހުރިހާ ތުހުމަތެއް ދޮގު ކުރައްވައިފަ އެވެ. އެގޮތުން ވަކި ކަމެއް ވަކި ގޮތަކަށް ނުކުރުމަށް ނުވަތަ ކުރުމަށް އަންގައި ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އޭޕްރިލް 24، ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއުއަށް ގުޅުއްވީ ފުލުހުން ކުރަމުންދިޔަ ތަހުގީގަށް މިނިސްޓަރެއްގެ ހައިސިއްޔަތުން އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެވަގުތު ސުޖާއު ފޯނަށް ޖަވާބު ނުދެއްވި ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑު ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައި ވާނެ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ މާންދޫގެދެކުނުގެ އާ އެއްވެސް ގުޅުމެއް އޮތް ކަމަށް މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށެވެ. އަދި އެ ހާދިސާ އާ އަމީންގެ އާއިލާގެ އެއްވެސް މީހަކާ ވެސް ގުޅުމެއް އޮތްކަން ތަހުގީގީ އިދާރާއަކުން މިހައިތަނަށް އަންގާފައި ނުވާކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ތަހުގީގީ އިދާރާއަކުން މިހައިތަނަށް ހާމަކުރައްވާފައިވާ މައުލޫމާތަށް ރިއާޔަތް ކުރާއިރު، ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި އަޅުގަނޑުގެ ތިމާގެ މީހެއް ނުވަތަ އާއިލީ ގޮތުން ގުޅުންހުރި މީހެއް ހިމެނޭކަން ނުވަތަ ޝާމިލުވާކަން ބަޔާން ކުރައްވައިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ