އެޗްޑީސީން އެންގި ގޮތަށް ތަން ހަވާލުނުކޮށް ޖާހު އިން ކޯޓަށް އެޗްޑީސީން އެންގި ގޮތަށް ތަން ހަވާލުނުކޮށް ޖާހު އިން ކޯޓަށް

ޖާހު އިންވެސްޓްމެންޓުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި "ދަ ގާޑެންސް" ގެ މަސައްކަތް ދިން މުއްދަތުގައި ފުރިހަމަ ނުކުރުމުން އެ ކުންފުންޏާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެފައި އޮތް އެއްބަސްވުން ބާތިލުކޮށް ތަން ހުސްކުރަން އެންގި އެންގުމަށް ތަބާނުވެ އެ މައްސަލަ ހިފައިގެން ޖާހުން ޝަރީއަތަށް ހިނގައްޖެ އެވެ.
ދަ ގާޑެންސް ހުސްކޮށް އެޗްޑީސީއާ ހަވާލު ކުރަން އެޗްޑީސީން އެންގި އެންގުމަށް ތަބާނުވެ، ޖާހުން އެ މައްސަލަ ކޯޓަށް ވައްދާފައިވާކަން، އެޗްޑީސީގެ އޮފިޝަލަކު މި ނޫހަށް ކަށަވަރު ކޮށްދިނެވެ. އަދި ދަ ގާޑެންސްއިން އެޕާޓުމެންޓް ގަނެފައި ތިބި ބައެއް މީހުން ރައީސް އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި ވެސް އެ މައްސަލަ ޖާހުން ކޯޓަށް ވައްދާފައިވާ ކަމަށް ބުނެފައިވެ އެވެ.
ޖާހުއިން ދަ ގާޑެންސް ގެ ނަމުގައި އިމާރާތެއް ތަރައްގީ ކުރަން ފެށީ 2017 ގަ އެވެ. ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ. ނަމަވެސް އެކި ފަހަރު މަތިން އެތަނުގެ މަސައްކަތް ނިންމުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދިން މުއްދަތުގައި ވެސް ޖާހުން އެ މަސައްކަތް ނިންމައިފައެއް ނުވެ އެވެ.
ޖާހު އާއެކު އެޗްޑީސީން ވެފައި އޮތް އެއްބަސްވުން އެ ކުންފުނިން ބާތިލު ކުރީ "ދަ ގާޑެންސް" ގެ މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން އެ ފަރާތަށް އިތުރު ކޮށްދިން މުއްދަތުގައި ވެސް އެތަނުގެ މަސައްކަތްތައް ނިންމާފައި ނުވުމުގެ ސަބަބުން އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް މިދިޔަ ޖެނުއަރީ 27 ގައި އެ ކުންފުންޏަށް ދިނުމަށް ފަހު އެވެ.
އެޗްޑީސީން ބުނީ އެ ނޯޓިސް ދޭތާ 45 ދުވަހުގެ ތެރޭގައި އެ ތަނުގެ މަސައްކަތްތައް ނިންމަންޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެ ކަމަށާއި އެ މުއްދަތު ހަމަވާއިރު، ތަނުގެ މަސައްކަތް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކޮށް އެތަން އެޗްޑީސީއަށް ނަގާނެކަން ނޯޓިހުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.
އެ މައްސަލައިގައި މިދިޔަ މާޗު 17، ގައި ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ސިވިލް ކޯޓުން ވަނީ ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ބޭންކުތަކަށް އަމުރު ވެސް ކޮށްފަ އެވެ.
ސިވިލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޖާހު ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެއްވެސް ބޭންކެއްގައި އެކައުންޓެއް ހުޅުވާފައި ވާނަމަ އެ އެކައުންޓެއްގެ ތަފުސީލާއި އެ އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދާއި ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށްފަހު އެ މައުލޫމާތު ކޯޓާ ހިއްސާ ކުރުމަށެވެ.
ޖާހު އިންވެސްޓްމެންޓާއެކު ވެފައި އޮތް އެއްބަސްވުން ބާތިލު ކުރީ "ދަ ގާޑެންސް" އިން އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހައިވެސް އަވަހަކަށް ހަވާލު ކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން މީގެ ކުރިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ