ރައިސްގެ ގޯލުން މޮޅުވެ އާސެނަލަށް ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންވެއްޖެ ރައިސްގެ ގޯލުން މޮޅުވެ އާސެނަލަށް ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންވެއްޖެ

ލަންޑަން (މެއި 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޑެކްލަން ރައިސްގެ ގޯލުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެ، އާސެނަލުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޕްރިމިއާ ލީގުގެ ގަދަ ފަހަކަށް ޖާގަ ލިބެ އެވެ. ނިއުކާސަލް އަތުން ޕޮއިންޓެއް ހޯދައިގެން، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރެވެން އޮތް އާސެނަލުން ވަނީ މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައިފަ އެވެ.
ލީގުގެ ދެ ވަނަ ޔަގީންކުރަން އާސެނަލަށް އަދި ޕޮއިންޓެއް ބޭނުންވާއިރު، މިދިިޔަ ދެ ސީޒަނުގައި ވެސް އާސެނަލް ދިޔައީ ދެ ވަނަ އެވެ. ދެ ވަނަ މަގާމަށް ސިޓީ އަށް އެރެން އޮތީ ފަހު މެޗުގައި އާސެނަލް ބަލިވެ، ލަނޑުގެ ތަފާތުން އާސެނަލަށް ވުރެ ކުރި ހޯދޭވަރުގެ ދެ ނަތީޖާއެއް ދެން އޮތް ދެ މެޗުން ސިޓީ އަށް ނެރެވިގެންނެވެ.
އެއް ވަނައިގައި އޮތް، ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލަށް 36 މެޗުން 83 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލުން ވަނީ މި މޮޅާ އެކު، 37 މެޗުން 71 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް އާއި ހަތަރެއްގައި އޮތް ޗެލްސީ އަދި ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް 37 މެޗުން ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 36 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.
ނިއުކާސަލް އިން ވަނީ މި މެޗަށް ނުކުތްއިރު، ތިން ފަހަރެއްގެ މަތިން އާސެނަލް ބަލިކޮށްފަ އެވެ. އެއީ، ލީގުގައި ނިއުކާސަލް ދަނޑުުގައި ކުޅުނު މެޗާއި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ލެގުންނެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ނިއުކާސަލުން މިރޭގެ މެޗަށް ނުކުތްއިރު، އެ ޓީމުގެ އެއް ވަނަ ފޯވާޑް، އަލެކްސަންޑަ އިސާކް އަނިޔާގެ ސަބަބުން ނުުކުޅެ އެވެ. އެކަމަކު، ފުރަތަަމަ ހާފުގައި ރަނގަޅަށް ކުޅެ އެ ޓީމުން އާސެނަލް ގޯލަށް ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. އެ ގޮތުން، ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް އާއި ޑޭން ބާން ފޮނުވާލި ބޯޅަތައް އާސެނަލް ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
އާސެނަލުން މެޗު ކާމިޔާބުކުރި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑު ޖަހައިދިނީ، 55 ވަނަ މިނިޓްގައި ރަައިސް އެވެ. މިއީ، އާސެނަލްގެ ކެޕްޓަން، މިކޭލް އޮޑެގާޑް ދިން ބޯޅައަކުން އޭރިއާބޭރުން ޖެހި ޝޮޓަކުން ރައިސް ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި މިރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ނޮޓިންހަމް ފޮރެސްޓުން ވަނީ 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި މޮޅުވެ، ޗެމްޕިއަންސް ލީގުގެ އުންމީދު ދަމަހައްޓައިފަ އެވެ. ބްރެންޓްފޯޑް ދަނޑުގައި ފުލަމް އިން ވަނީ 3-2 އިން މޮޅުވެފަ އެވެ. އަދި، އެވަޓަން އިން 2-0 އިން ސައުތެމްޓަން ބަލިކުރިއިރު، ލެސްޓާ ސިޓީން ޖޭމީ ވާޑީގެ 200 ވަނަ ގޯލާ އެކު، 2-0 އިން އިޕްސްވިޗް ޓައުން ބަލިކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ