ސަސްޕެންޑުކުރި ފަނޑިޔާރުންނަށް ކުރާ ޖިނާއީ ތުހުމަތުތައް ހާމަ ކުރަން އޭސީސީއިން ދެކޮޅު ހަދައިފި ސަސްޕެންޑުކުރި ފަނޑިޔާރުންނަށް ކުރާ ޖިނާއީ ތުހުމަތުތައް ހާމަ ކުރަން އޭސީސީއިން ދެކޮޅު ހަދައިފި

ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ ސަސްޕެންޑު ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކުރާ ތުހުމަތުތައް ހާމަ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހަދައިފި އެވެ.
އޭސީސީގެ ތަހުގީގަކަށް ރިއާޔަތްކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހެދުނު ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ.
ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވަ އެވެ. އެ އަޑުއެހުން ފަހުން ކެންސަލް ކުރީ އެވެ.
މިކަމާ ގުޅިގެން އޭސީސީ އިން އަދި ފުލުހުން ތަހުގީގެއް ހިންގާތޯ ނުވަތަ ނޫންތޯ ސާފުކުރުމަށް އަދަދު ގެ ނޫސްވެރިން މަސައްކަތްކުރި ނަމަވެސް ފުލުހުންގެ އިދާރާއިން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. ފަނޑިޔާރުންނަށް ކުރާ ތުހުމަތުތައް ހާމަ ކުރަން އޭސީސީއިން ހެދީ ދެކޮޅެވެ.
އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޭސީސީގެ މެންޑޭޓަށް ފެތޭ ގޮތަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ވިއްޔާ ގާނޫނާއި ގަވާއިދުގެ ތެރެއިން ބަލަމުން ދާނެ ކަމަށެވެ. އިތުރު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމަށް ފަނޑިޔާރުންނަށް ވެސް އަންގާފައެއް ނުވެ އެވެ. އަދި ޖިނާއީ އެއްވެސް މައްސަލައެއްގައި ފަނޑިޔާރުންނާ ސުވާލު ކުރައްވާފައެއް ވެސް ނުވެ އެވެ.
މިއަދު މަޖިލީހުން ފާސްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރާ ބިލު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ މިއަދު އެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
މި ބިލުގައި ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ