ދުވަހީ ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ގޭގައި ބޭނުންކުރާ ޕްލާސްޓިކްގެ ތަފާތު ބާވަތްތަކުގައި ހުންނަ ވަކި ކަހަލަ ކެމިކަލަކުން ހިތުގެ ބަލިތަކަށް މަގުފަހިވެދާނެ ކަމަށް މިދިޔަ އަހަރު ކުރެވުނު އައު ދިރާސާއަކުން ދައްކައިފި އެވެ.
މިދިރާސާ ކޮށްފައިވަނީ އެމެރިކާގެ އެންވައިޔޫ ލެންގޯން ހެލްތުގެ ދިރާސާވެރިންނެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނާގޮތުގައި ހިތުގެ ބަލިތަކަކީ މުޅި ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. ހިތުގެ ތަފާތު ބާވަތްތަކުގެ ބަލީގައި އަހަރަކު 17.9 މިލިއަން މީހުން މަރުވާކަމަށް އެ ޖަމިއްޔާއިން ލަފާކުރެ އެވެ.
މިދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި 55 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހިތުގެ ބަލިތަކުން މަރުވާ މީހުންގެ 10 އިންސައްތައަށްވުރެ ގިނަ މީހުން މަރުވަނީ ޕްލާސްޓިކްގައި ހުންނަ ވަކި ކަހަލަ ކެމިކަލްތަކެއްގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ.
މިދިރާސާގައި ބަލާފައިވަނީ އާބާދީގެ ސާވޭތަކުން ލިބުނު ޞިއްޙީ އަދި ތިމާވެށީގެ މައުލޫމާތުތަކެވެ. މީގެ އިތުރުން ޕްލާސްޓިކްގެ ދެމިހުރުމާއި ބުރަވެނުދިނުން އިތުރުކުރުމަށް ބޭނުންކުރާ "ފްތަލޭޓްސް" ނަމަކަށް ކިޔާ ކެމިކަލްތަކަށް ހުށަހެޅުމުގެ ސަބަބުން މަރުވާ މިންވަރު ވެސް ބަލާފައިވެއެވެ.
މިދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި ޑީއީއެޗްޕީ (ޑައި-2-އެތިލްހެކްސިލް ފްތަލޭޓް) ނަމަކަށް ކިޔާ ކެމިކަލަށް ހުށަހެޅުމުގެ ސަބަބުން 2018 ވަނަ އަހަރު 350،000 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް މިދިރާސާ ފަރުމާކޮށްފައިވަނީ ޑީއީއެޗްޕީ އިން ސީދާ ހިތުގެ ބަލިތައް ޖެހޭކަން ދެނެގަތުމަށް ނޫންކަމަށް ދިރާސާގެ މައިގަނޑު ތަހުގީގުވެރިޔާ، އެންވައި.ޔޫ ސެންޓަ ފޯ ދަ އިންވެސްޓިގޭޝަން އޮފް އެންވަޔަރަންމަންޓަލް ހެޒާޑްސްގެ ޑިރެކްޓަރ ލިއޮނާޑޯ ޓްރަސަންޑޭ ވިދާޅުވިއެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ވަކި ނިންމުމަކަށް އައުމުގައި ފަރުވާތެރިވުމަށް އޭނާ އިންޒާރުދެއްވިއެވެ.
"އަޅުގަނޑުމެން މަސައްކަތްކުރީ [ޑީއީއެޗް.ޕީ އަށް] ހުށަހެޅޭ މިންވަރު ދެނެގަތުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން މި ކެމިކަލަށް ހުށަހެޅޭ މިންވަރު ބެލުމަށް ލިބެންހުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މޮޑެލްއެއް ހަދަންޖެހުނު. އެހެންވީމާ މިކަމުގައި އުނިކަންތައްތަކެއް ހުރި،" ޓްރަސަންޑޭ ވިދާޅުވިއެވެ.
ޑީއީއެޗްޕީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ފެންނަ ކެމިކަލެއް ނަމަވެސް، މިދިރާސާއިން ދައްކާގޮތުގައި މީގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ވަކި ސަރަޙައްދުތަކެއްގައެވެ. ޑީއީއެޗްޕީ އާ ގުޅުވައިގެން ލަފާކުރެވޭ މަރުތަކުގެ ތިންބައިކުޅަ ހަތަރުބައި އޭޝިއާ، މެދުއިރުމަތި އަދި ޕެސިފިކް ސަރަޙައްދުގައި ހިމެނެއެވެ.
ޕްލާސްޓިކް ވިހައިގެ ސަބަބުން އެންމެ ގިނައިން މަރުވާ ޤައުމަކީ އިންޑިއާ ކަމަށް ލަފާކުރެވޭއިރު، އެ ގައުމުގައި 100،000 އަށްވުރެ ގިނަ މީހުން މަރުވާ ކަމަށް ލަފާކުރެވެއެވެ. އޭގެ ފަހަތުން އަންނަނީ ޕާކިސްތާނާއި މިޞްރެވެ.
ގޭގައި ބޭނުންކުރާ ޕްލާސްޓިކުން ހިތުގެ ބަލިތަކަށް މަގުފަހިވެދާނެ ގޭގައި ބޭނުންކުރާ ޕްލާސްޓިކުން ހިތުގެ ބަލިތަކަށް މަގުފަހިވެދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ