އެކިއުރޭޓު ކަރަންޓު ބިލެއް ލިބޭނީ، ކަރަންޓު މީޓަރުގެ ފޮޓޯ ފޮނުވުމުން: މުޣުނީ

ކަސްޓަމަރުންނަށް، އެކިއުރޭޓު ކަރަންޓު ބިލެއް ލިބޭނީ، ކަރަންޓު މީޓަރުގެ ފޮޓޯ ފޮނުވުމުންކަމަށް ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، ކުރިޔަށް ދާ ގޮތުގެ ތަފްސީލުތައް ދެއްވަމުން މުޣުނީ ވިދާޅުވީ، މި މަހުގެ ބިލުން ވެސް ޑޮމެސްޓިކް މީޓަރުގެ 40 އިންސައްތަ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ. އަދި ރަށްތަކުގެ ފެނުގެ ހިދުމަތް ދޭއިރު އެ ބިލުތަކުން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. މުޣުނީ ވިދާޅުވީ ބިލުގެ ޒަރިއްޔާއިން ސަބްސިޑީގެ ގޮތުގައި އެ ގޭބިސީއަކަށް ލިބިފައިވާ އަދަދު އެނގޭނެ ކަމަށެވެ.
މީޓަރުގެ ފޮޓޯއެއް ފޮނުވުމަށް ކަސްޓަމަރުންނަށް އެދިފައިވާނެކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، އެކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެކއުރޭޓު ބިލެއް ޖެނެރޭޓު ކުރުން ކަމަށެވެ. އަދި އެކަމަށް މީޓަރުގެ ފޮޓޮއެއް ބޭނުންވާއިރު، މި ދަނޑިވަޅަކީ ކޮންމެ ގެއަކަށް ވަކިން ގޮސް އެ ގެއެއްގެ މީޓަރު ބަލަން އެންގެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. މުޢުނީ ވިދާޅުވީ ފޮޓޯ ނުލިބޭނަމަ އެ ގެއަކަށް ފޮނުވަނީ އެވްރެޖު ބިލެއް ކަމަށެވެ. އެހެން ނަމަވެސް ކުންފުންނިން އެ ގެތަކަށް ގޮސް މީޓަރުގެ ރީޑިން ނެގޭ ހާލަތަށް ދިއުމުން ބިލުގެ ތެރެއަށް އެޑްޖަސްޓްމެންޓުތަކެއް ފަހުން ގެންނާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.
ބައެއް ހައުސިން ބްލޮކުތައް ހަދާފައި ހުންނަގޮތުން އެ ގޭގައި އުޅޭ މީހުންނަށް މީޓަރުގެ ފޮޓޯ ނެގުމުގައި ދަތިތަކެއް ވަމުން ދާތީވެ، ގެތަކުގެ ވެރިންނާއި ވާހަކަ ދައްކައިގެން އެ ގެތަކުގެ ރީޑިން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސްޓެލްކޯގެ ފަރާތުންކަމަށް ވީތީ ހުޅުމާލޭގެ ހައުސިން ބްލޮކުތަކަށް ލިބޭނީ އެކިއުރޭޓު ބިލުކަމަށް މުޣުނީ ވިދާޅުވިއެވެ.
ގޭތަކުގެ ކަރަންޓު ބޯޑަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން މި ލޮކްޑައުންގެ ތެރޭގައި ކުރިޔަށް ގެންދާއިރު މުޣުނީ ވިދާޅުވީ މި ދުވަސްވަރު އިލެކްޓްރީޝިއަންއެއް ހޯދަމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ކުންފުނިން ގަބޫލު ކުރާ ކަމަށެވެ.
”އެހެން ވީމަ މިއީ އަޅުގަނޑުމެން ކަސްޓަމަރުންނަށްޓަކާ ހިލޭ ދޭ ހިދުމަތެއް. އެ ގެއްއެގެ ކަރަންޓު ކެނޑިއްޖެނަމަ ސްޓެލްކޯއަށް ގުޅުމުން، ކުންފުނީގެ މުވައްޒަފަކު އެ ގެއަކަށް ވީހާވެސް އަވަހަށް ގޮސް އެ ގެއަކަށް ކަރަންޓު ލިބޭނެ ގޮތް ހަދައިދޭނެ“ މުޣުނީ
ލޮކްޑައުނަށް ދޭ ލުއިތަކާއި އެކު، މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ފަށާފައިވާ ކަމަށާއި އެގެ ތެރޭގައި ކޯލް ސެންޓަރުގެ ހިދުމަތް ހިމެނޭކަމަށް މުޣުނީ ވިދާޅުވިއެވެ. އޭގެ އިތުރުން ސްޓެލްކޯ ސޭލްސްގެ ވެސް ހިދުމަތްތައް ފަށާއިރު އެތަނުން ލިބެން ހުންނަ ބައެއް އައިޓަމްތަކަކީ މާލޭގެ އެހެން ފިހާރަތަކުން ލިބެން ނުހުންނަ ތަކެތީގެ ގޮތުގައި މުޣުނީ ފާހަގަ ކުރެއްވިއެވެ. އެއާއި އެކު އޮންލައިންކޮށް ވެސް މިހާރު ތަކެއްޗަށް އޯޑަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ