ވޯލްޑް ކަޕްގެ 40 ދުވަސް ކުރިން މެކްސިކޯގެ ސްކޫލްތައް ބަންދުކުރަން ނިންމައިފި
އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، މެކްސިކޯގެ ސަރުކާރުން އެގައުމުގެ ސްކޫލްތަކުގެ ކިޔެވުން ތާވަލުކުރި ތާރީޚަށްވުރެ 40 ދުވަސް ކުރިން ބަންދުކުރުމަށް ނިންމައިފިއެވެ. މި ނިންމުމާއެކު ވޯލްޑް ކަޕް ފެށުމުގެ އެއް ހަފުތާ ކުރިން ސްކޫލްތައް ބަންދުވާނެއެވެ. މެކްސިކޯ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ސްކޫލް ބަންދު ދުވަސްތައް ކުރިއަށްދާނީ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ގާތްގަނޑަކަށް ސްކޫލުކުރިންނާއި އެކުދިންގެ ބެލެނިވެރިންނަށް ލިބޭ ތިން މަސް ދުވަހުގެ ދިގު ޗުއްޓީއެކެވެ. މި ފުރުސަތުގެ ބޭނުމަކީ އެގައުމުގެ ދަރިވަރުންނަށް ވޯލްޑް ކަޕްގެ ފޯރީގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމެވެ. މެކްސިކޯއަކީ މިއަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމަށް ވުމާއެކު، ސަރުކާރުން ބޭނުންވަނީ ކުޑަކުދިންނަށް މި ތާރީޚީ މުބާރާތުގެ ތަޖުރިބާ އެންމެ ފުރިހަމައަށް ހޯދައިދިނުމަށެވެ. މި ފިޔަވަޅަކީ ކުދިންނަށް ވޯލްޑް ކަޕްގެ އުފާވެރިކަން ފުރިހަމައަށް ލިބިގަތުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. މި ޚަބަރު ފުރަތަމަ ރިޕޯޓްކޮށްފައިވަނީ 'ދަ ޓަޗްލައިން' އިންނެވެ. މިއީ ފުޓްބޯޅައިގެ ފޯރިގަދަ މެކްސިކޯގައި ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކަށް ވެގެންދާނެއެވެ. މުބާރާތުގެ 13 މެޗެއް މެކްސިކޯގައި ކުޅޭނެއެވެ. މެޗުތައް ކުރިއަށްދާނީ މެކްސިކޯގެ ތިން ސިޓީއެއްގައެވެ. އެއީ މެކްސިކޯ ސިޓީ، މޮންޓެރޭ (ގުއަޑަލޫޕޭ) އަދި ގުއަޑަލަހާރާ (ޒަޕޯޕަން) އެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2026 ގައި، މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައެވެ. 48 ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ދާނީ ޖޫން 11 އިން ޖުލައިމަހުގެ 19 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ