ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި ފަށައިފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިއަދު ފަށައިފިއެވެ. ކުރަނގި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ހޯމް މިނިސްޓްރީން އިސްނަގައިގެން މިއަދު މާލޭގައި ފެށި ރެއިޑް ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެންނެވެ. މާލޭގައި މިއަދު ފެށި މި އޮޕަރޭޝަން ކުރިއަށްގެންދަނީ މުޅި މާލެ 24 ޒޯނަކަށް ބަހާލައިގެންނެވެ. އިމިގްރޭޝަނުން ބުނީ އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު ބޮޑެތި ޒޯންތަކުގައި ތިން ޓީމަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެންމެ ކުޑަ ޒޯނުތަކުގައިވެސް ދެ ޓީމުން ހަރަކާތްތެރިވާނެ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އިމިގްރޭޝަނުން ބުނީ ތިންވަނަ ފިޔަވަހީގެ ދަށުން މިފަހަރު ބިދޭސީންނަށާއި ސްޕޮންސަރުންނަށް ދެވޭ ނޯޓިސް ތަފާތު ވާނެ ކަމަށެވެ. އެގޮތުން މިފަހަރު އޮޕަރޭޝަނުގައި ތިން ކެޓެގަރީއަކުން ބިދޭސީންނަށް ނޯޓިސް ދިނުމަށް ވަނީ ނިންމާފައެވެ. ކުރަނގި އޮޕަރޭޝަނުގެ ތިންވަނަ ފިޔަވަހި ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެތެރެއިން --- ސަން ފޮޓޯ: ޝާތިއު މުޙައްމަދު އަދި މި މަސައްކަތުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާ ބޭސް އަޕްޑޭޓު ކުރާނެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙުމަދު ފަސީހު ވިދާޅުވީ ކުރަނގި އޮޕަރޭޝަނަކީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ތިންވަނަ ފިޔަވަހީގެ މަސައްކަތް އަތޮޅުތެރެއަށް ވެސް ފުޅާކުރާނެ ކަމަށެވެ. އެ އޮޕަރޭޝަނާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައިފައިވާ ކަމަށް ވިދާޅުވެފައެވެ. https://x.com/MMuizzu/status/2053068633509876004 އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިދިޔަ މަހުގެ 23ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، 2024 ވަނަ އަހަރުގެ މެއި މަހު އޮޕަރޭޝަން ކުރަނގި ފެށިއިރު ވޯކްޕާމިޓް ފީ ނުދެއްކުން ނުވަތަ ވިސާއެއް ނެތި ތިބުން ފަދަ ކޮންމެވެސް އެއް ކެޓަގަރީއަކަށް ފެތޭ 148,417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން ފެންނަން އޮތް ކަމަށެވެ. https://sun.mv/221001 ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން "އޮޕަރޭޝަން ކުރަނގި" ފެށިއިރު ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުން ނަމަވެސް, މިހާރު އެ އަަދަދު 62 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. ރާއްޖެއަކީ ބިދޭސީންގެ އާބާދީ ބޮޑު ގައުމެކެވެ. އެގޮތުން އެންމެ ފަހުން، 2022ގައި ކުރިއަށްގެންދިޔަ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި 132،493 ބިދޭސީން އުޅެއެވެ. އެގޮތުން، އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެއް ކަމަށް ބޯހިމެނުމުން ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ