ޝަކީރާގެ ފޭނުންނަށް މިފަހަރު ވޯލްޑް ކަޕަށް ދިން ބޮޑު ސަޕްރައިޒް، އާ ލަވައިގެ ޓީޒާ ދައްކާލައިފި
ކޮލޮމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އިޒަބެލް މެބަރަކް ރިޕޯލް ކުރިއަށް އޮތް ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އައު ލަވަ "ދައި، ދައި" ގެ ޓީޒާ ދައްކާލައި، އޭނާގެ ފޭނުންނަށް ބޮޑު ސަޕްރައިޒެއް ދީފައެވެ. މިއުޒިކީ ދުނިޔޭގައި "ކުއީން އޮފް ލެޓިން މިއުޒިކް" ގެ ނަމުން މަޝްހޫރުވެފައިވާ ޝަކީރާގެ މި އައު ލަވައިގެ ޓީޒާ މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. މި ލަވައަކީ ނައިޖީރިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބާނާ ބޯއީއާ ގުޅިގެން ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ތައްޔާރުކޮށްފައިވާ ލަވައެކެވެ. އިޓަލީ ބަހުން "އާދޭ، އާދޭ" ގެ މާނަދޭހަވާ މި ލަވަ ކިޔާފައިވަނީ އިނގިރޭސި ބަހާއި ސްޕެނިޝް ބަހުންނެވެ. https://x.com/shakira/status/2052418680533791188 ޝަކީރާ ހާމަކޮށްފައިވާ ގޮތުގައި، މި ލަވަ ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. ވޯލްޑް ކަޕަށް ޚާއްސަކޮށް ފީފާއިން ކުރިން ނެރުނު ލަވަތަކަށް ފޭނުންގެ މާބޮޑު ތަރުހީބެއް ލިބިފައިނުވާއިރު، ޝަކީރާގެ މި ޓީޒާއާއެކު ގިނަ ބަޔަކު އަންނަނީ އުފާ ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ފޭނުން ބުނަމުންދަނީ "ޝަކީރާ ނެތި ވޯލްޑް ކަޕެއް ފުރިހަމަ ނުވާނެ" ކަމަށެވެ. އަދި މިފަހަރުގެ ލަވައަކީ ވެސް މުބާރާތުގެ ފޯރި އިންތިހާއަށް ގަދަކޮށްދޭނެ ލަވައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިހާރު އުމުރުން 49 އަހަރުގެ ޝަކީރާއަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ލަވަތައް ހުށަހަޅައިދީފައިވާ އެއް ފަންނާނެވެ. އެގޮތުން 2010 ވަނަ އަހަރުގެ "ވައްކާ، ވައްކާ" އަދި 2014 ވަނަ އަހަރުގެ "ލާ ލާ ލާ" އަކީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދި ލަވަތަކެކެވެ. ހަތަރު ގްރެމީ އެވޯޑާއި 15 ލެޓިން ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޝަކީރާގެ މި އައު ލަވައާއެކު، އަނެއްކާވެސް ވޯލްޑް ކަޕްގެ ފޯރި އައުވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ