ހޯރްމުޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން އީރާނަށް ހުށަހެޅި ސުލްހައިގެ ޕްލޭނަށް އީރާނުގެ ޖަވާބަކަށް އިންތިޒާރުކުރަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، އީރާނާއެކު އޮތް ހަމަނުޖެހުންތައް ނައްތާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ 14 ނުކުތާގެ ސުލްހައިގެ ޕްލޭނަށް އީރާނުން ދޭނެ ޖަވާބަކަށް އެމެރިކާއިން މިހާރު އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ޕޯޕް ލިއޯ XIV އާއެކު ރޯމްގައި ބޭއްވި ބައްދަލުވުމަކަށް ފަހު ރޫބިއޯ ބުނީ، މިއީ ސީރިއަސް މަޝްވަރާތަކެއްގެ ފެށުމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރޫބިއޯ ވަނީ ހޯރްމުޒް ކަނޑުއޮޅި އީރާނުގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރާ ދަޢުވާ ބަލައިނުގަނެވޭނެ ކަމަށާއި، އެއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއްކަން ފާހަގަކޮށްފައެވެ.
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ބައްދަލުކުރެއްވުމަށްފަހު ރޫބިއޯ ވަނީ ހޯރްމުޒް އަލުން ހުޅުވުމަށްޓަކައި އިޓަލީ ހިމެނޭ އެލައިންސްތަކުން ޢަމަލީ ގޮތުން އެހީތެރިކަން ނުދޭތީ އެކަމާ ސުވާލު އުފައްދަވާފައެވެ. އޭނާ ބުނީ ޔޫރަޕްގެ ގައުމުތަކުން ހޯރްމުޒްގެ ސަލާމަތީ ކަންކަމުގައި ބައިވެރިވާން ޖެހޭ ކަމަށާއި، ހަމައެކަނި ބަސްމަގުން ވާހަކަ ދެއްކުމުގެ ބަދަލުގައި ޢަމަލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކަށް ތާއީދު ހޯއްދަން ރޫބިއޯ މަސައްކަތް ކުރަމުން ގެންދަވާއިރު، އެ ގަރާރުގައި ގޮވާލާފައިވަނީ އީރާނުން އިންސާނީ އެހީ ދޭ ދަތުރުތަކަށް ފުރުސަތު ދިނުމަށާއި ކަނޑުދަތުރުފަތުރަށް ހުރަސް އެޅުން ހުއްޓާލުމަށެވެ.
ރޫބިއޯ އިތުރަށް ބުނީ މިއީ އދ. ގެ ބޭނުންތެރިކަން ހުރި މިންވަރު ބަލާލެވޭނެ އިމްތިހާނެއް ކަމަށާއި، ޗައިނާ އާއި ރަޝިޔާއިން މި ގަރާރު ވީޓޯ ނުކުރުމަށް އެދޭ ކަމަށެވެ.
އެމެރިކާއިން ހިންގާ "ޕްރޮޖެކްޓް ފްރީޑަމް" އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަދައްކަމުން ރޫބިއޯ ބުނީ، މިއީ ޕާސް ގަލްފްގައި ތާށިވެފައި ތިބި 23,000 އެއްހާ ފަންނީ މީހުން ސަލާމަތްކުރުމަށް ހިންގާ ދިފާއީ އޮޕަރޭޝަނެއް ކަމަށެވެ.
އަދި އެމެރިކާގެ ނާވަލް ބްލޮކޭޑްގެ ސަބަބުން އީރާނުގެ 90 އިންސައްތަ ވިޔަފާރި ހުއްޓި، ދުވާލަކު 500 މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ނަމަވެސް މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާތީ، ޓްރަމްޕް ވަނީ މި އޮޕަރޭޝަން ވަގުތީގޮތުން މަޑުޖައްސާލާފައެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާރު މަޝްވަރާ ކުރަމުންދާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން 48 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ނިންމާލުމަށް ފަހު، އެއް މަސްދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އައުމަށް ވަނީ ރޭވިފައެވެ.
ހޯރުމޫޒް ހުޅުވުމާމެދު އީރާނުގެ ޖަވާބަކަށް މިދަނީ އިންތިޒާރު ކުރަމުން: އެމެރިކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ