ރައީސްގެ ޒާތީ ކަންކަމާ ބެހޭކަށް ނުޖެހޭ، ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކުރާތީ: ނަޝީދު

ރައީސް މުހައްމަދު މުއިއްޒުއާ ގުޅުވައިގެން މިހާރު ދައްކަމުން ދަނީ ބެހެން ނުޖެހޭ، ވަރަށް ޒާތީ ކަމެއްގެ ވާހަކައެއް ކަމަށާއި ކަންބޮޑުވެ ވަޑައިގަންނަވަނީ ނޫސްވެރިން ހައްޔަރުކުރާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގައި ރައީސްގެ މައްޗަށް ގަޒުުފުކުރިކަމުގެ ތުހުމަތުގައި އެ ނޫހުގެ އިސްވެރިންނަށް ދައުވާކޮށް، އެކަމާ ގުޅުން ހުރި މައްސަލައެއްގައި ދެ ނޫސްވެރިއަކު މިއަދު ވަނީ ޖަލަށް ލާފަ އެވެ.
ތަފްސީލް - ސްރީ ލަންކާގެ ކޮލަމްބޯގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެކަމާ ގުޅިގެން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައީސްއާ ގުޅުވައިގެން ދައްކަމުން ދަނީ ވަރަށް ޒާތީ ވާހަކައެއް ކަމަށާއި އެއީ ބެހެން ޖެހޭނެ ކަންކަން ނޫން ކަމަށެވެ. އެކަމަކު ކަންބޮޑުވެވަޑައިގަންނަވަނީ ނޫސްވެރިޔަކު ސުވާލުކުރުމުން އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ނޫސްވެރިޔާ ހައްޔަރުކުރުމުން ކަމަށް ވިދާޅުވި އެވެ.
"އެ ބާވަތުގެ ކަންކަމަކީ ކޮންމެހެން އަޅުގަނޑުމެން ބެހެން ޖެހޭ ކަންކަމެއް ނޫން. އެއީ ޒާތީ ކަންކަން. އެ ކަންކަމަކާ އަޅުގަނޑުމެން އަޅާލާކަށް ނެތިން،" ރައީސް މުއިއްޒުގެ މައްޗަށް ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން ނަޝީދު ވިދާޅުވި އެވެ. "ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކުރާތީ. ކަންބޮޑުވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް، އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަންނާތީ."
ނަޝީދު ވިދާޅުވީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަމަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި، މުހިއްމު ކަންތައްތަކެއް ކަމަށެވެ. އެއީ "މަޖަލަކަށް" އޮންނަ މިނިވަންކަމެއް ނޫން ކަމަށާއި އެކަން ގުޅިފައި އޮންނަނީ ސީދާ ރައްޔިތުންގެ ތަނަވަސްކަމާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި "ލިބޭ އެއްޗެއް އިތުރުވަނީ ބަސްބުނެ، ހިޔާލުފާޅުކުރެވުމުން"ނެވެ.
"ފާޑު ނުކިޔުނީމާ ނުބައި ޕްރޮޖެކްޓް، ނުބައި ގަޑީގައި، ނުބައި ތަނުގައި، ނުބައި އަގުގައި، ނުބައި މީހެއް ލައްވާ މި ހެއްދެނީ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވާ ނަޝީދު، މި ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، އެ މަނިކުފާނާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގެންނަވަން ނިންމަވާފައިވާ ނިޒާމީ ބަދަލުތަކާ ގުޅޭގޮތުންނެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކާއި އަތްމަތި ތަނަވަސްވެ، ތަރައްގީ ލިބޭނެ ގޮތުގެ ވާހަކަތައް ތަކުރާރުކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ ވާހަކަތައް ދައްކަވަން ކޮލަމްބޯއަށް ވަޑައިގެންނެވީ، ރާއްޖޭގެ މިނިވަންކަމާއި ތަރައްގީގެ އެތައް ކަމެއް އެތަނާ ގުޅިފައިވުމުންނެވެ.
ފަހު ވާހަކައެއްގެ ގޮތުގައި ރައީސް މުއިއްޒަށް ދެއްވާ މެސެޖެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، އެ މަސައްކަތުގައި އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމުގައި އަނދަގޮނޑީގައި ތިބުމަށް އަނެއްކާ ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
"ބިޑި އެޅުވިޔަސް، ޗޭނު ޖެހިޔަސް، ކުޑަގޮޅިއަށް ލިޔަސް މި ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ