މެލޭޝިއާ އިން ރާއްޖެެ އަންނަން ބޭނުންވާ ފަރާތްތަކަށް މިއަދު ހަވީރު އޮންލައިންކޮށް ޓިކެޓް ނެގޭނެ

މެލޭޝިއާއިން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް މިއަދު ހަވީރު އޮންލައިންކޮށް ޓިކެޓު ނެގޭގޮތަށް މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ.
މިއަދު މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މެލޭޝިއާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އޮންލައިންކޮށް ޓިކެޓު ބައްލަވައިގަނެވޭނެކަމަށާއި، މިވަގުތު ފްލައިޓް މެލޭޝިއާއިން ފުރަން ތާވަލު ކޮށްފައިވަނީ މިމަހު 8 ވަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު 6:00 ގައި ކަމަށެވެ. ނަމަވެސް ފުރާގަޑިއަށް ފަހުން ބަދަލެއް އައިސްދާނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މެލޭޝިޔާއަށް ރާއްޖެ އަންނަން އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ. މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މެލޭޝިޔާއާ ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު ހައިކޮމިޝަނަށް ފޮނުވުން އެދޭ ކަމަށެވެ. އެފްލައިޓުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ގާތްގަޑަކަށް 400 ޔޫ.އެސް ޑޮލަރަށް ކަމަށްވެސް ހައިކޮމިިޝަނުން ވަނީީ ބުނެފައެވެ.
ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބާއްވާ ޗާޓާޑް ފްލައިޓުން ލަންކާ އިން އަންނަ މީހެއްގެ އަތުން ނަގާނީ 4،626 (300) ޑޮލަރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ލަންކާ މެލޭޝިޔާގެ އިތުރުން މޯލްޑިވިއަން އިން އަންނަނީ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމް އަށް ވެސް މޯޅްޑިވިއަންގެ ބޯޓުތައް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
އަގުތަކާއި ގުޅޭ ގޮތުން މޯލްޑިވިއަން އިން މީގެކުރިން ބުނެފައިވަނީ އެއީ މިހާލަތުގައި މީހެއްގެ އަތުން ނެގޭނެ އެންމެ އެކަށީގެންވާ އަގު ކަމަށެވެ. ސަބަބެއް ކަމަށް ވަނީ އަލަށް ދަތުރުކުރާ ގައުމަކަށް ވުމުން ގްރައުންޑް ހޭންޑްލިންއަށް ދައްކަން ޖެހޭ ޓެކްސް އިތުރުވެގެން ދާނެތީއެވެ. އަދި އެއީ އެއްކޮޅު ދަތުރުކަމުން، އެ ދަތުރުތަކުންވެސް އެ އެއާލައިނަށް ފައިދާ ނުވުން ވަރަށް ގާތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮންލައިންކޮށް މޯލްޑިވިއަންގެ އެޕް ޑައުންލޯޑު ކުރައްވައިގެން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ޓިކެޓު ނެންނެވުމަށް މޯލްޑިވިއަން އިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ