ކަރަމް މިފަހަރު ބައިސްކޯފުގައި މީރު ކާނާތަކާއެކު

ބޭރުގެ ބައެއް ޗެނަލްތަކުން ގެނެސްދޭ ތަފާތު ޓްރެވަލް ޝޯވތައްފަދަ ޝޯވތައް ރާއްޖޭގެ އުފެއްދުންތެރިން އުފައްދާތީ ފެންނަނީ ވަރަށް މަދުންނެވެ.
 
ކަންމިހެން އޮތްނަމަވެސް ސްޓްރީމިންގ އެޕް 'ބައިސްކޯފު' އިން މިވަނީ މިރަމަޟާން މަހުވެސް މުޅިންއާ އުފެއްދުންތަކެއް ޢާންމުންނާ ހަމައަށް ގެނެސްދޭން ފަށާފައެވެ. އޭގެތެރެއިން އެއް އުފެއްދުމަކީ 'ކަރަމްސް ފުޑް އެޑްވެންޗަރ' ގެނަމުގައި އަޙްމަދު ކަރަމް އުފައްދައި ގެނެސްދޭ ޕްރޮގްރާމް ސިލްސިލާއެކެވެ.
 
މިހާރު މެލޭޝިޔާގައި ދިރިއުޅޭ ކަރަމް އުފެއްދި މި ސިލްސިލާ ބިނާވަނީ ތަފާތު މީރު ކާތަކެތީގެ މައްޗަށެވެ. އޭގެ ފުރަތަމަ އެޕިސޯޑުގައި ކަރަމް ބުނީ އޭނާއަކީ ވަރަށް ތަފާތު ކާނާތަކުގެ ރަހަބަލައި އެއްޗެހި ކާހިތްވާ މީހެއް ކަމަށެވެ. އެހެންކަމުން އޭނާގެ އެޑްވެންޗަރގައި އަމާޒު ހިފާފައިވަނީ މީރު ކާއެއްޗެހީގެ ވާހަކަ ގެނެސްދިނުމަށެވެ. ފުރަތަމަ އެޕިސޯޑުގައި އޭނާ ދިޔައީ ތައިލެންޑުގެ ކްރާބީއަށެވެ. މީރު ކާއެއްޗެހީގެ ރަހަބެލުމުގެ ދަތުރުގައި އޭނާއާއެކު އެއާޢިލާގެ ކުޑަކުއްޖެއް ކަމަށްވާ ޑެނިއަލްވެސް ބައިވެރިވެއެވެ. ކަރަމްގެ ހުށަހެޅުން ވަރަށް ފުރިހަމައެވެ. ކުޑަކުއްޖަކު ގޮވައިގެން އުޅޭތީ، އޭނާގެ ހުށަހެޅުމުގެ ވައްޓަފާޅި ބިނާކޮށްފައިވަނީ ހުރިހާ ޢުމުރަކާވެސް ގުޅޭފަދަ ގޮތަކަށެވެ. އަދި އޭނާގެ ޟަމީރުގައި އެކުލެވޭ މަޖާ ގޮތްގަނޑު، އޭނާގެ ހުށަހެޅުމުގައި ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. ޕްރޮގްރާމް އިތުރަށް ބަލާހިތްވާ އެއް ސަބަބަށް އެކަން ވެފައިވެއެވެ.
 
މިހާރު އާޢިލާއެކު މެލޭޝިޔާގައި ދިރިއުޅޭ ކަރަމްގެ މި އުފެއްދުމަކީ ޙަޤީޤަތުގައި އޭނާގެ އާޢިލާގެ އުފެއްދުމެކެވެ. އޭނާގެ އަންހެނުން ޞަފާ ޝަފީޤު ފޭސްބުކްގައި ބުނެފައިވަނީ، މި އުފެއްދުން ޚާއްޞަވާ އެންމެ ބޮޑު އެއްސަބަބަކީ މިއީ އާޢިލީ އުފެއްދުމެއް ކަމަށްވާތީއެވެ.
 
ޢާންމުންގެ ތެރެއަށް ފުރަތަމަ ކަރަމް މަޝްހޫރުވީ ސްޕޭސް ޕެރޭޑްގެ ނަމުގައި މަޖާ އުފެއްދުންތައް އުފައްދައި މީސްމީޑިޔާގެ އެކި މަންސަތަކުގައި ޢާންމުކުރަން ފެށުމާ ހިސާބުންނެވެ. އެއީ އޭނާއާއެކު އުޅުނު އެކުވެރިންގެ ޓީމަކުން އުފެއްދި އުފެއްދުންތަކެކެވެ. ޢާމްދަނީއެއް ހޯދުމަކަަށް ނޫނެވެ. ހަމަ މަޖަލަކަށެވެ. ނަމަވެސް އެއިން ކޮންމެ އުފެއްދުމަކަށްވެސް ކޮށްފައިހުރީ ވަރަށް ގިނަ މަސައްކަތްތަކެއްކަން އެދާއިރާގެ މީހެއްގެ ޙައިޞިއްޔަތުން އަޅުގަނޑަށްވެސް އެނގެއެވެ.
 
ކޮންމެއަކަސް ސްޕޭސް ޕެރޭޑްގެ މަސައްކަތްތައް ކުރަމުންއައިސް ދުވަސްގަނޑެއް ފަހުން ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮޑިއުސަރެއްގެ މަޤާމަށް، ރާއްޖޭގެ އެންމެބޮޑު ޓީވީ ސްޓޭޝަނާ އޭނާ ގުޅުނެވެ. އަދި އެތަނުގައި ގިނަ މަސައްކަތްތަކެއް އޭނާ ކުރިއެވެ. އެތަނުގެ އެންމެ ބޮޑެތި ޝޯވތަކުގައިވެސް މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ. އެހެން އުޅެމުންގޮސް ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް ހުށަހެޅުމުގައިވެސް އޭނާ ޙަރަކާތްތެރިވެފައިވެއެވެ. ކުޑަކުދިންގެ ޕްރޮގްރާމް 'ބޮޑުވާހަކަ' އަކީ އޭގެތެރެއިން ޕްރޮގްރާމެކެވެ.
 
އޭގެ ކުރިއަށް ޖެހިލާނަމަ، ކަރަމްއަކީ އާޓިސްޓެއް ކަމަށް އަޅުގަނޑު ޤަބޫލް ކުރަމެވެ. ސްކޫލް ދައުރުގައި އޭނާއަކީ ކުރެހުމުގެ ފަންނުގައި ވަރަށް މޮޅު ދަރިވަރެކެވެ. އޭނާގެ ކުރެހުމުގެ ހުނަރުވެރިކަން ވަރަށް ގާތުން އަޅުގަނޑު ދުށީމެވެ. ކުރެހުމާއި، ފަރުމާ ކުރުމުގެ މަސައްކަތް އޭނާ މިހާރުވެސް ކުރެއެވެ. ރާއްޖޭގެ ބައެއް މަޝްހޫރު ވިޔަފާރިތަކުގެ ބްރޭންޑިންގ އޭނާ ހަދައިދީފައިވެއެވެ. އެހެންކަމުން އޭނާއަކީ އުފެއްދުންތެރި ސިކުނޑިއެއްގެ ވެރި ވަރަށް ހުނަރުވެރި ޒުވާނެކެވެ.
 
މީރު ކެއުންތަކަށް އިންސާފުކޮށް އެއްޗެހީގެ ރަހަތައް އޭނާއަށް އެހާ ފުރިހަމައަށް ބުނެދެވޭކަން ޙަޤީޤަތުގައި މިއެނގުނީ ބައިސްކޯފަށް އޭނާ ދޫކޮށްލި 'ކަރަމްސް ފުޑް އެޑްވެންޗަރސް' އިންނެވެ. ފުރަތަމަ އެޕިސޯޑަށްފަހު ދެން މި އިންތިޒާރު ކުރެވެނީ އޭގެ ދެން އަންނަންހުރި އެޕިސޯޑުތަކަށެވެ. މެލޭޝިޔާގައި ދިރިއުޅެމުންވެސް ދިވެހީންނަށްޓަކައި މިފަދަ ޚާއްޞަ އުފެއްދުމެއް ހަދިޔާ ކުރީތީ ކަރަމްއަށް ޝުކުރު އަދާކުރާ ޙާލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ