ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް "ބާޣީއަކަށް" ހެދުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާ ދެކޭ ބޮޑު ހުވަފެނެއް ކަމަށާއި އެންމެފަހުން އެމަނިކުފާނު މަގުފުރައްދާ ގޮޅިއަކަށްލުމަށް އެ ފަރާތްތަކުން ކާމިޔާބު ހޯއްދަވައިފި ކަމަށް ޕީޕިއެމްގެ ޕީޖި ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ޒަމާނުއްސުރެ ރައީސް މައުމޫންގެ ވެރިކަމާމެދު ހިތްހަމަ ނުޖެހި އެމަނިކުފާނުގެ އަބުރު ކިލަނބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދެވީ ރައީސް ނަޝީދުކަން ކޮންމެ މީހަކަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގޮޅިއަށް ދާން ޖެހުނީ އެމްޑީޕީ މީހުންގެ ބަދަލުގައި ރައީސް މައުމޫން އާއި އެމަނިކުފާނުގެ ގާތް ބޭފުޅުން ކަމަށާއި އެއީ ރައީސް ނަޝީދު، ރައީސް މައުމޫން މަގުފުރައްދާ ދެއްވި ބޮޑު "ލޮޓީ"އެއް ކަމަށް ނިހާން ވިދާޅުވި އެވެ.
"އެސްއޯއީ ނިމިގެން މި ދިޔައީ، މި ހައްޔަރީންގެ ތެރޭގައި ކިތަން އެމްޑީޕީ މީހުންތޯ ނިކަން ބައްލަވާ، އެމްޑީޕީގެ ބޮޑުންނެއް ނުހިމެނޭ މީގަ، މުޅިން ވެސް މި އޮތީ ނަޝީދު އެ މީހެއްގެ ދެކެ ރުޅި އައި މައުމޫން އާއި މައުމޫންގެ އާއިލާ އާއި އޭނާގެ ގާތް މީހުންނަށް ދުވަހަކު ވެސް ބަޔަކު ނުދޭނެ ފަދަ ބޮޑު ލޮޓީއެއް ދީފަ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ 1953 އަކުން ފެށިގެން އެންމެ ފަހުން މިއަދާ ހަމަޔަށް ރައީސް ނަަޝީދާ ގުޅުމެއްވާ ފަރާތްތަކުން މަސައްކަތް ކުރީ ރައީސް މައުމޫންއަށް ގޮޅިއަކާ ހަމަޔަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން 1953 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ކާފަ އެފަދަ ކަމެއް ކުރަން މަސައްކަތް ކުރެއްވި ކަމަށާއި 1968 އިން 1973 އަކަށް ހިންގި ހުރިހާ ޖަރީމާތަކުގައި އެމަނިކުފާނުގެ ބައްޕާފުޅު ހިމެނޭކަން ވެސް ޝަރިީޔަތަށް ސަބިތުވެފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި 1980 ވަނަ އަހަރު ރައީސް މައުމޫން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގައި ވެސް އެ އާއިލާގެ މީހަކު މަސައްކަތް ކުރެއްވި ކަމަށާއި 1988 ނުވެމްބަރު މަހުގެ ތިން ވަނަ ދުވަހުގައި ވެސް އެ އާއިލާއިން ބޭރު ބަޔަކަށް ހަރަދު ކުރި ކަމަށް ޝަރީޔަތަށް ސާބިތުވެފައިވާކަން ވެސް ނިހާން ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން ރައީސް މައުމޫން ނެތިކޮށްލުމަށާއި އެމަނިކުފާނަކީ "ބާޣީއަކަށް" ހަދާލުމަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ މުޅި އާއިލާއިން ވެސް ދެކެމުން އައި ބޮޑު ހުވަފެނެއް ކަމަށާއި އެންމެ ފަހުން 1 ފެބްރުއަރީގައި ގެންނަން އުޅުން ބަޣާވާތުގެ އަޑީގައި ރައީސް ނަޝީދު ހުންނަވައިގެން ރައީސް މައުމޫން ގޮޅިއަކަށް ފައްތަލުމަށް ކާމިޔާބުވެފައިވާ ކަމަސް ނިހާން ވިދާޅުވި އެވެ.
"ޖުމުލަ ގޮތެއްގައި މި ބަޣާވާތުގެ ތެރޭގައި މުޅިން ކަހަލަ ގޮތަކަށް ބެދި ސުންނާފަތިވެގެން މި ދިޔައީ ރައީސް މައުމުން އާއި މައުމޫންގެ ރައްޓެހިން، މިއަދު މި ހާލަތު ޖެހިގެން މި އުޅެނީ ތިމަންނާގެ އަދާވަތްތެރިން ތިމަންނަ މަގު ފުރެއްދުމުގެ ނަތީޖާ،" ނިހާން ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫން ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާކޮށްފަ އެވެ. އަދި އެ ޝަރީއަތްތައް ނިމެންދެން އެމަނިކުފާނު ޖަލުގައި ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
މައުމޫން "ބާޣީއަކަށް" ހެދުމުގައި ނަޝީދު ކާމިޔާބު ހޯދައިފި: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ