ރާއްޖޭގެ ރައްޔިތުން އީޔޫގެ ނިންމުމަކަށް އެދޭ: ޑރ ޖަމީލް

ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށާ ދިވެހި ރައްޔިތުން ތިބީ އީޔޫގެ ކައުންސިލް އެދިގެންކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓް މެންބަރުންނާއި ބައްދަލްކުރައްވާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު ޔޫރަޕް ޕާލިމެންޓް މެންބަރުންނަށް ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި، އެ ހާލަތު ސަރުކާރުން ގޯސްކޮށްފައިވާ މިންވަރު ހާމަކޮށްދީފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ ދުވަހަކު ގާނޫނާއި ގަވާއިދާއި ޚިލާފަށް ކުރަމުންދާ ކަންތައްތަކުގެ މައުލޫމާތު އެ މެންބަރުންނާއި ހިއްސާކުރައްވާފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އަންނަ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ރާއްޖެ މިހާރު އޮތް ހާލަތުގައި ބާއްވައިފިނަމަ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށްވެސް އެ މެންބަރުންގެ އަރިހުގައި ދަންނަވާފައިވާކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން ތިބީ އީޔޫ ކައުންސިލްގެ ނިންމުމަކަށް އެދިއެދިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އީޔޫގެ މަތީ ފެންވަރުގެ ބޭފުޅުންނާއި ބައްދަލްކުރައްވާ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލްވުމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، މިނިވަންކަން ނިގުޅައިގަނެ، ފިއްތުންތައްކުރިމަތިކޮށްފައިވާކަމަށާ 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ގާނޫނޫ އަސާސީން ލިބިފައިވާ އެތަށް ހައްގުތަކެއް ސަރުކާރުން ހުއްޓުވާފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން އެއްވެއުޅުމުގެ ހައްގާއި، ޚިޔާލު ފާޅުކުރުމުގެ ހައްގުތައް ހިފަހައްޓާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ޝަރުއީ ނިޒާމް "ގޮނޑި ކޮއްކޮ" ޝަރުއީ ނިޒާމަކަށް ބަދަލުކޮށް، ރައީސް ޔާމީން ބޭނުންވާގޮތަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ދައުވާތައް އުފުލާ، ހުކުމްތައްކޮށް އެކަހެރިކޮށްފައިވާކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީނަކީ ގާނޫނުތައް މުގުރާލުމުގެ ވަރުގަދަ ރެކޯޑެއް އޮތް، ހަރުކަށި ޑިކްޓޭޓަރެއްގެ ގޮތުގައިވެސް ޑރ ޖަމީލް ވަނީ ސިފަކުރައްވާފައެވެ.
އީޔޫގެ ބޭފުޅުން އަރިހު ޑރ ޖަމީލް ވަނީ ސަރުކާރުގެ މި ނާތަހުޒީބް އަމަލުތައް ހުއްޓުވައި، ރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ރާއްޖޭގެ ވެރިންނާއިމެދު ފިޔަވަޅު އަޅައިިދިނުމަށާއި، ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު ވަނުމަށް މަޖުބޫރުކުރުވާފަދަ ނިންމުންތަކެއް ނިންމަވައިދިނުމަށް ޖަމީލް ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ