ރައީސްގެ ވިސްނުންފުޅު ހުރީ ރަނގަޅަކަށް ނޫން: ގާސިމް

ރައީސް އަބުދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ ރަނގަޅަށް ނޫންކަމަށާ އެހެންކަމުން އަވަހަށް ވިސްނުންފުޅު ބަދަލުކޮށް ކަންކަން ރަނގަޅުކުރަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އިސްލާހަށް މަަސައްކަތްކުރާ މީހުން އަބަދުވެސް ތިބެންޖެހޭނީ ގާނޫނީ އިމުގެ ތެރޭގައިކަމަށާ އިސްލާހީ މަސައްކަތަކީ ނިމުމެއް އޮތްކަމެއް ނޫންކަމަށެވެ.
ސިޔާސީ ލީޑަރުން ގުޅިގެން ނިކުމެ މަސައްކަތް ފެށީ ގައުމުގައި ކަންކަން ހިނގާދާގޮތް ގޯސްވީމަ އިސްލާހުކުރަން ކަމަށާ ނަމަވެސް އޭގެ ސަބަބުން އެ ލީޑަރުންނާއި ރައްޔިތުންނަށް ނުހައްގުން އެތަށްކަމެއް ދައްކަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ ރަނގަޅަށްތޯ އެމަނިކުފާނު އެކަނި އިނދެ ވިސްނާލަންވެއްޖެކަމަށާ ހަމަ ޔަގީނުންވެސް ރައީސް ޔާމީންގެ ވިސްނުންހުރީ ރަނގަޅަށް ނޫންކަމަށެވެ.
އެހެންކަމުން ވީހާވެސް އަވަހަށް ކަންކަން ރަނގަަޅުކުރަންޖެހޭކަމަށާ އޭރުން މިހާރު މިއުފެދޭ އަޑުތައް ނީއްވޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ މަނިކުފާނުގެ ވިސްނުންފުޅު ތިހުރީ ރަނގަޅަކަށް ނޫނޭ. އަވަހަށް ތިޔަ ވިސްނުން ބަދަލުކުރައްވާށޭ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިނިވަން މުއައްސަސާތައް އެގޮތުގައި ކުރިއަށްދާންޖެހޭކަމަށާ ކޮރަޕްޝަނާއި ފަސާދައަށް ނެތި ގައުމުގައި ކަންކަން ހިންގަންޖެހޭކަމަށެވެ.
ރައްޔިތުން ތަރައްގީ ބޭނުންވާކަމަށާ ނަމަވެސް އެއީ ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާގޮތަށް ދައުލަތަށް އެތަށް ގެއްލުންތަކެއް ލިބޭގޮތަކަށް ކުރެވޭކަމަކަށް ވެގެން ނުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްެރާހިމް ގާނޫނީ އިމުގެ ބޭރުން ހައްޔަރުކޮށް ދޫނިދޫގައި ބެހެއްޓި މައްސަލައަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ ދޫނީދޫގައި ކަންކަން ހުރީ ރަނގަޅަށް ނޫންކަމަށާ އެހެންކަމުން ޖަލުގެ ކަންކަން ރަނގަޅު ކުރަންޖެހޭކަަމަށެވެ.
އަދި އެއީ އެމަނިކުފާނަށް ކުރެވުނު ރަނގަޅު ތަޖްރިބާއެއްކަމަށާ އެތަނުގައި އެތަށް ބަޔަކަށް ނުހައްގު އަނިޔާ ލިބެމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރަށް ގާސިމް އިބްރާހިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެއިތުބާރު ނެތްކަމުގެ ވޯޓެއް ހުށައެޅުމުން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ މިގޮތަށް ގަވާއިދަށް ބަދަލުގެނެސް ކަންކަން ނިންމުމަކީ ހަމަޖެހޭ ބަޔަކު ކުރާނެކަމެއް ނޫންކަމަށާ މިއީ ހިތާމަކުރަންޖެހޭކަމެއްކަމަށެވެ.
އަދި މިގޮތަށް ކަންކަން ކުރާނަމަ އެއްވެސްކަމެއް ގޯހުން ގޯހަށް ނޫންގޮތަކަށް ނުދާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ