ދައްތާފުޅުގެ ޖަނާޒާއަށް ވަޑައިގަތުމަށް ޔާމީން ބޭނުންވީ މިނިވަނެއްގެ ގޮތުގައި: އިމްރާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމްގެ ޖަނާޒާ އަށް އެމަނިކުފާނު ވަޑައިގަންނަވަން ބޭނުންފުޅުވީ މިނިވަނެއްގެ ގޮތުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ދައްތާފުޅުގެ ޖަނާޒާ އަށް ވަޑައިގަންނަވަން ޔާމީން ބޭނުންފުޅުވިކަން އެންގެވިއިރު އޭނާ ހުންނެވީ ބައްދަލުވުމެއްގައި ކަމަށާއި ނަމަވެސް އެ ބައްދަލުވުން ވެސް މެދުކަނޑާލުމަށްފަހު އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ.
އެގޮތުން ކަރެކްޝަންސް އިން ލޯންޗު ތައްޔާރުކޮށް، އޮފިސަރުން ވެސް އެތައް އިރެއް ވަންދެން ޔާމީންގެ އިންތިޒާރުގައި ތިއްބެވި ކަމަށާއި ނަމަވެސް ޖަނާޒާ އަށް ވަޑައިގެންނެވުމަށްފަހު ދެން އެނބުރި ޖަލަށް ވަޑައިގަންނަވާ ގޮތަކަށް ޖަނާޒާ އަށް ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށް ޔާމީން ހާމަކުރެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ.
“ޖަނާޒާ އަށް ގެންނަވާ ކަމަށްވާނަމަ ތިމަންނަ މިނިވަނެއްގެ ގޮތުގައި ގެންނާށޭ. އެއީ އަޅުގަނޑަކަށް އެ ދުވަހު ނިންމޭކަށް އޮތް ކަމެއް ނޫން. އެމަނިކުފާނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް” އިމްރާން ވިދާޅުވިއެވެ.
ޖަނާޒާ އަށް ވަޑައިގަތުމަށް ޔާމީނަށް ފުރުސަތު ދެއްވަން ބޭނުންވި ކަމަށާއި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ހުންނާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ އާއިލާ އިން ވެސް އެދުނީ މިނިވަން ކުރާކަށް ނޫން ކަމަށާއި އާއިލާއިން ވެސް އެދުނީ ޖަނާޒާގައި ބައިވެރި ކޮށްދިނުމަށް އެމަނިކުފާނު ގެނެސް ދެއްވުމަށް ކަމަށެވެ. އެކަމަށް މަސައްކަތްތަކެއް ވެސް  ކުރިން ކަމަށާއި އެކަމަށް އެމަނިކުފާނާއި އެކު [ހޯމް މިނިސްޓަރު އިމްރާން] މަސައްކަތްކުރި ހުރިހާ ބޭފުޅުން ހެކިވެ ވަޑައިގަންނަވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ