މިދިޔަ އަހަރު ފުޓުބޯޅަ ސީޒަނުގެ އިނާމު ފައިސާތައް އަދިވެސް އެފްއޭއެމް އިން ނުދޭކަމުގެ މައުލޫމާތު ވީސްޕޯޓްސް އަށް ލިބިއްޖެއެވެ.
ވީ ސްޕޯޓްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ އެއްވެސް އިނާމު ފައިސާއެއް އެފްއޭއެމް އިން ދުލެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމަށްދޭ ފަސް ލައްކަ ރުފިޔާ އާއި އެފްއޭކަޕްގެ ޗެމްޕިއަން ޓީމަށްދޭ އެއްލައްކަ ފަންސާސް ހާސް ރުފިޔާ އާއި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަނުންނަށްދޭ އެއްލައްކަ ފަންސާސް ހާސް ރުފިޔާ އެފްއޭއެމް އިން ދުލެއް ނުކުރެއެވެ.
މިކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ކުރިން ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ އިނާމު ފައިސާތައް ނުދެވި ލަސްވީ ޑިސެމްބަރު މަހު ބަޖެޓު ކްލޯޒްވުމުން ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފައިސާ ދޫކުރެވިގެންދާނެ ކަމަށެވެ.
އެފްއޭއެމް އިން ބައެއް ތަންތަނަށް ދޭން ޖެހޭ ފައިސާތަކެއް ހުންނާނެ ކަމަށާއި، އެ ފައިސާތައް ވަރަށް އަވަށް ދޫކުރަން ފަށާނެ ކަމަށް މިއަހަރުގެ ކުރީކޮޅު ޖަވާ ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލިގާއި، އެފްއޭކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް މުސާ (ޓެޑް) ވިދާޅުވީ ފައިސާގެ ކަންތަކާ ބެހޭގޮތުން ވަކި އެއްޗެއް މީޑިއާގައި ބުނަން ބޭނުން ނުވާ ކަމަށެވެ.
އެފްއޭއެމް އިން ކުލަބުތަކަށް ދޭން ޖެހޭ ފައިސާ ނުދީ އޮތް ކަމުގެ ސަކުވާތައް ކުލަބުތަކުން ކުރަމުންދާއިރު އެ އިދާރާގެ 2018 ވަނަ އަހަރުގެ ބަޖެޓް މިދިޔަ މަާޗު މަހު ވަނީ ފާސްކޮށްފައެވެ.
ޖުމްލަ 65.3 މިލިއަން ރުފިޔާ ބޮޑު ބަޖެޓަކީ 2.9 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެފްއޭއެމްއަށް ތަފާތު އަށް ދާއިރާއަކުން އާންމުދަނީ ލިބޭނެ ކަމަށް ބަޖެޓްގައި ލަފާ ކޮށްފައި ވެއެވެ. އެގޮތުން މިފަހަރު އެފްއޭއެމް އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފީފާއިންނެވެ. ފީފާއިން ވަނީ މި އަހަރު އެފްއޭއެމް އަށް 27 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައެވެ.
މީގެއިތުރުން އޭއެފްސީން ތިން މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ސްޕޮންސަރުންގެ ފަރާތުން 14 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި ޔޫތް މިނިސްޓްރީން މިފަހަރު 7.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާއިރު، ޓިކެޓު ފައިސާގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
އެފްއޭއެމްގެ ހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް މިފަހަރު ކުރަނީ ޓެކްނިކަލް ޑިވެލޮޕްމެންޓަށެވެ. އެގޮތުން 14 މިލިއަން ރުފިޔާ ވަނީ އެކަމަށް ކަނޑައަޅާފައެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ އިދާރީ ހިންގުމަށެވެ. އެގޮތުން އެކަމަށް 10 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.
މި އަހަރު އެކި މުބާރާތްތަކަށް 8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު، ގައުމީ ޓީމަށް 6.5 މިލިއަން ރުފިޔާ އަދި ރެފްރީންނަށް 3.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި އެކި ޕްރޮޖެކްޓްތަކަށް 11.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ވަނީ ބަޖެޓުގައި ހިމަނާފައެވެ.
އިނާމު ފައިސާގެ އިތުރުން އެހެން ވެސް ބަޔެއް ތަންތަނަށް އެފްއޭއެމް އިން ދޭން ޖެހޭ ފައިސާ ނުދީއޮތް ކަމުގެ ސަކުވާތައް އިވެމުންދާއިރު އެފްއޭއެމް އިން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި 60.8 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވެއެވެ. އެފްއޭއެމް އަށް ފީފާއިން 30.9 މިލިއަން ރުފިޔާ ދޭއިރު، 3.8 މިލިއަން ރުފިޔާ އޭއެފްސީން ދެއެވެ. ބާކީ 1.8 މިލިއަން ރުފިޔާ ޔޫތް މިނިސްޓްރީން ދޭއިރު، އަނެއް 2.6 މިލިއަން ރުފިޔާ ލިބެނީ ޓިކެޓުތައް ވިއްކައިގެންނެވެ. އަދި 13 މިލިއަން ރުފިޔާ ސްޕޮންސަރުން އަތުން ލިބޭނެކަމަށްވެސް 2017 ވަނަ އަހަރު ފާސްކުރި ބަޖެޓުގައި ހިމަނާފައިވެއެވެ.
އެފްއޭއެމްގެ ދަރަނި ޖުމްލަ 22 މިލިއަނަށް އަރާއިރު، މިދިޔަ އަހަރުގެ ބަޖެޓުން ވަނީ ދަރަނި އަދާކުރުމަށް ދެ މިލިއަން ރުފިޔާ ދައްކާފައެވެ. އަދި މި އަހަރުގެ ބަޖެޓްގައި ދަރަނި އަދާކުރުމަށް ތިން މިލިޔަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
މިދިޔަ އަހަރުގެ އިނާމު ފައިސާ އަދިވެސް އެފްއޭއެމް އިން ނުދޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ