ޕީޕީއެމް ވަނީ ވަރަށް ބޮޑަށް ބައިބައިވެފައި: ރައީސް މައުމޫން

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަމަށް އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ ގިނަ އަދަދެއްގެ ކައުންސިލަރުން ޕީޕީއެމްއަށް ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގައި އެއްވެސް ބައިބައިވުމެއް ނެތްކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅު ދޮގުކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައިވާކަމަށާ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައިނުވާކަމަށް ބުނެ ބަޔަކު ވާހަކަދައްކަމުންދަނީ ހަގީގަތް އޮޅުވާލުމަށްކަމަށެވެ.
މީގެ އިތުރަށް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޕާޓީގެ ގިނަ މެންބަރުން ބޭނުންވަނީ އެ މެންބަރުން އިންތިހާބުކޮށްފައިވާ ރައީސްގެ ބެއްލެވުމުގެ ދަށުން ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެއްގޮތަށް ކަންކަން ގެންދިއުމަށްކަމަށެވެ. އަދި ގިނަ މެންބަަރުން ބޭނުންވަނީ ދައުލަތުގެ މުއައްސަސާތައް އިސްލާހުވެ ތިންބާރު ހަގީގަތުގައިވެސް ވަކިވެ ޑިމޮކްރަސީގެ އުސޫލުން ކަންްކަން ހިންގުމަށްކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. ނަމަވެސް މަދުބަޔަކު ބޭނުންވަނީ އެމީހުންގެ އަމިއްލަ މަސްލަހަތަށް މިކަންކަން ދޫކޮށްލުމަށްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވަނީ ޕާޓީ ހިންގުމުގައި ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އިސްކޮށް ހަރަކާތްތެރިވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. ރައީސް މައުމޫން ވިދާޅުވީ ފަސްޓް ލޭޑީއަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ނުވަތަ ސަރުކާރުގައި ވަކި މަސްއޫލިއްޔަތެއް އޮންނަ ބޭފުޅެއް ނޫންކަމަށެވެ. އަދި ޕީޕީއެމްގެ އޮނިގަނޑުގައިވެސް އެކަމަނާއަށް ވަކި މަގާމެއް ނޯންނަކަމަށާއި، އެހެންކަމަށްވީއިރު، ޕާޓީގެ ހިންގުމުގެ ކަންކަން އެކަމަނާއައި ހަވާލްކުރެވިގެން ނުވާނެކަމަށެވެ.
މީގެ އިތުރަށް މިއަދު ޕީޕީއެމް ހިންގަމުންދަނީ ޑިމޮކްރަޓިކް މުޖްތަމައުގައި އަމަލްކުރަމުންގެންދާ ގޮތާއި ހިލާފަށް، ޕީޕީއެމްގެ ބާރުތައް ނަންގަވައިގެން ޕާޓީގެ ރައީސްގެ އެއްވެސް ބައިވެރިވުމެއް ނެތިކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ނަމަވެސް މާތްﷲގެ ވާގިފުޅާއިއެކު ރައްޔިތުންނަށް ފާގަތިގޮތްތަކެއް ހޯއްދަވައިދެއްވުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެމި ހުންނަވާނެކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް މި ސަރުކާރަށް އެމަނިކްފާނު ކުރައްވާ ތާއީދު އަނބުރާ ގެނެސްފައިވާކަން މެންބަރުނަށް ވަނީ ހަނދާންކޮށްދެއްވާފައެވެ.
ވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަމަށް ރައީސް މައުމޫން ވިދާޅުވިނަމަވެސް ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އޮތީ ވަރަށް ބަދަހިކޮށްކަމަށާ ޕާޓީގައި ބައިބައިވުންތަކެއް ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ