ސައުތު ކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ސުޕްރީމް ކޯޓުން ވެސް ތާއީދު

ސޯލް (ޑިސެމްބަރު 9 ) - ސިޔާސީ ނިންމުންތައް ނިންމުމުގައި ގާތް ރަހުމަތްތެރިއެއްގެ ނުފޫޒް މާބޮޑަށް ވަދެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ސައުތު ކޮރެއާގެ ރައީސާ ޕާކް ގެއުން ހައި މަގާމުން ދުރުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ އިއްތިފާގުން ޕާކު ރައީސްކަމުން ބޭރު ކުރި އިރު ޑިސެމްބަރު 9 ވަނަ ދުވަހު ޕާލަމެންޓުގައި ވަނީ ޕާކުގެ އިތުރުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ. ޕާކަކީ ވެރިކަމުގައި ހުއްޓާ މަގާމުން ދުރުކުރި ސައުތު ކޮރެއާގެ ފުރަތަމަ ރައީސާ އަށެވެ. ކޯޓުގެ މި ނިންމުމާ އެކު ކުރިއަށް އޮތް 60 ދުވަސް ތެރޭ އާ އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ.
ޕާކް މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ އިއްތިފާގުވެފައި. --ފޮޓޯ:އީޕީއޭ
ނޭޝަނަލް އެސެމްބްލީގައި ނެގި ވޯޓުގައި ޕާކުގެ އިތުބާރު ނެތް ކަމަށް 234 މެންބަރުން ވޯޓު ދިނެވެ. އެކަމަނާއާ އެއްކޮޅަށް ވޯޓު ދިނީ 56 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ ހަމަ މެންބަރުން ތިއްބެވެ. ރައީސް މަގާމުން ދުރުކުރުމަށް ޕާލަމެންޓުގެ 300 މެމްބަރުންގެ ތެރޭން ތިންބައި ކުޅަ ދެބައި މެންބަރުންގެ ތާއީދު ބޭނުންވެ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ޕާކަށް ލިބިގެންވާ ރިޔާސީ ހުރިހާ އިމްތިޔާޒްތަކެއް އުނިވީ އެވެ. އެކަމަނާގެ މައްޗަށް ޖިނާއީ ދައުވާ ދެން ކުރެވޭނެ އެވެ. ޕާލަމެންޓުގެ ވޯޓަށް ފަހު ޕާކު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. އެ މުއްދަތުގައި ގައުމު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެފައި ވަނީ ބޮޑު ވަޒީރު ހަން ކިޔޯ އެވެ.
ޕާކަށް ދިމާވި މައްސަލަ އަކީ ސަރުކާރުގެ ތެރެއަށް، ސަރުކާރުގައި ވެސް ނުހިމެނޭ މީހެއްގެ ނުފޫޒް މާބޮޑަށް ވަދެފައިވުމެވެ. ކުރެވުނު ކަންތަކާ މެދު މީގެ ކުރިން ޕާކް ވަނީ ދެފަހަރަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަނާ އަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާ ހެދި "ހިތްފަޅައިގެން" ހިނގައްޖެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ