ވައްޑެ އަކީ ގައުމަށާއި ޕީޕީއެމަށް ވަފާތެރި، އިޚުލާސްތެރިއެއް: މައުމޫން

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަކީ ގައުމަށާއި ޕީޕީއެމަށް ވަފާތެރި، އިޚުލާސްތެރިއެއް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، ތުލުސްދޫ ދާއިރާގައި ހިމެނޭ ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި، ވައްޑެ އަކީ އިޚުލާސްތެރިއެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުންނެވެ.
މައުމޫނާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ މެދުގައި އުފެދުނު ކޯޅުމުގައި މައުމޫންގެ ފެކްޝަންގައި މިހާރު ހުންނެވި ވައްޑެ މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވީ، އޭނާގެ އިޚުލާސްތެރިކަން ތުލުސްދޫ ދާއިރާގެ ރައްޔިތުންނަށް އެނގޭނެ ކަމަށާއި އެކަން އަބްދުއްރަހީމަށް އެނގިވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ.
ވައްޑެ "މިހާރު" އަށް ވިދާޅުވީ ތުލުސްދު އާއި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވަނީ އޭނާގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
"ބަޖެޓުގައި ހިމެނުން އެކަންޏެއް ނޫން. ބަޖެޓަށް ލާފައި އަދި އެ ދެ މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި އަޅުގަނޑު ވާނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި. އެ މަސައްކަތް ލަސްވެދާނެތީ، އެކަން އެހެން ވިޔަ ނުދިނުމަށް ކިތަންމެ މަސައްކަތްތަކެއް ކުރިން. އެކަން އެނގޭނެ އެ ދެ ރަށުގެ ރައްޔިތުންނަށް،" ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތުލުސްދު އާއި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ވެސް އެ ދާއިރާގެ ތަރައްގީ އަށް ވާނީ އެތައް މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެކި މަޝްރޫއުތައް ފެށުމަށްޓަކައި ސަރުކާރުގައި ދަންނަވާފައި ވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުލުސްދޫގެ ބިން ހިއްކުމަކީ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަމަށް ބަޖެޓް ވެސް ކުރެއްވި ކަމަށެވެ. އެކަމަކު މައުމޫންގެ ވެރިކަމަށް ފަހު، ދެން ވެރިކަމަށް އައި ބަޔަކު ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެހެން ދިމާލަަކަށް ގެންދިޔައީ ކަމަށް ވަައްޑެ ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑު ދަންނަވާނީ ތުލުސްދު އާއި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުނީ އަޅުގަނޑުގެ އެދުމުގެ މަތިން އަޅުގަނޑު ކުރި މަސައްކަތުން އަދީބު [ކުރީގެ ނައިބު ރައީސް] ގެ އެހީތެރިކަމާ އެކުގައޭ. އެއީ ކޮންމެ ކަހަލަ ކުށެއް ކޮށްފައިވާ މީހަކަސް އެ މީހަކު ކުރި ރަނގަޅު ކަމަކަށް ޝުކުރު ހައްގުވާނެ. މި މަޝްރޫއު އަވަހަށް ފެށުމަށް އަދީބު ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވި. އޭގެ ފަހުން ރައީސް މައުމޫނާއި ރައީސް ވަހީދު ވެސް އަދި ރައީސް ޔާމީނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ނެތް އެއްވެސް ޒާތީ ކަމެއް،" ވައްޑެ ވިދާޅުވި އެވެ.
މައުމޫނާއި ވައްޑެ: ތުލުސްދޫ ދާއިރާ އަށް އޭނާ އިންތިިޚާބު ކުރީ މައުމޫނަށް ކޮށްދިން ކަމެއްގެ ގޮތުގައި ކަމަށް ވައްޑެ ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
ވައްޑެ ވިދާޅުވީ ތުލުސްދޫ ދާއިރާ އަށް އޭޭނާ ހޮވީ، ކުރިން އެ ދާއިރާ ތަމްސީލް ކުރެއްވި ރޮޒެއިނާ އާދަމް އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރެއްވުމުން، މައުމޫން ދޫކުރައްވާފައި ވަޑައިނުގަތުމަށް ރައްޔިތުން ޝަރުތު ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެއީ ތުލުސްދޫ ދާއިރާ އިން މައުމޫނަށް ކޮށްދިން ކަމެއް ކަމަށް ވައްޑެ ވިދާޅުވި އެވެ.
"އޭރު މި ދާއިރާ އިން އަޅުގަނޑަށް ވޯޓު ދިން ކޮންމެ ރައްޔިތަކު ބުނަމުން ދިޔައީ، ރައީސް މައުމޫން ދޫކޮށްލާފައި ނުދައްޗޭ. ރައީސް މައުމޫނަށް ގޮތެއް ނުހަދައްޗޭ. އެގޮތުގެ މަތީގައި އަޅުގަނޑު މި ހުރީ. އަޅުގަނޑު މި ދާއިރާ އަށް ހޮވައި ދިނުމުގައި ރައީސް މައުމޫންގެ އެހީތެރިކަން އިންތިހާ އަށް ލިބުނު. އަދި ރައީސް މައުމޫނާއި ރައީސް ވަހީދާއި ރައީސް ޔާމީނާއި ޑރ. ޖަމީލްގެ އެހީތެރިކަން ވެސް ލިބުނު. ހާއްސަކޮށް ރައީސް މައުމޫންގެ ނަން އަޅުގަނޑު ފާހަގަ ކުރާނަން،" ވައްޑެ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫންގެ ކޯޅުމުގެ ތެރެއިން މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ވައްޑެ ފާހަގަކުރެވިފައި ވަނީ ފެށުނީއްސުރެ އެ ގޮތުގައި ދެމި ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. މައުމޫންގެ ފެކްޝަނާ ގުޅުމަށް ފަހު، މަޖިލިހުގެ ޕީޕީއެމްގެ ގިނަ މެމްބަރުން ފަހު ވަގުތު ވަނީ އަނެއްކާވެސް ރައީސް ޔާމީންއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ