ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ.
ބީއެމްއެލްގެ އޭޓީއެމްތަކުން، ކޮންމެ ކަސްޓަމަރަކަށް ނެގެނީ ދުވާލަކު 10،000 ރުފިޔާއެވެ. ނަމަވެސް މާދަމާއިން ފެށިގެން ދުވާލަކު 25،000 ރުފިޔާ ނެގޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އޭޓީއެމް މެދުވެރިކޮށް 25،000 ރުފިޔާ ޖަމާ ކުރެވުނު ނަމަވެސް މާދަމާއިން ފެށިގެން 50،000 ރުފިޔާ މަޖާ ކުރެވޭނެ ކަމަށާއި އެ ބަދަލުތައް ގެނެވުނީ އަމިއްލަ ފަރުދީ އެކައުންޓްތަކަށް ކަމަށާއި ވިޔަފާރި އެކައުންޓްތަކަށް މިހާރުވެސް ހަމަޖެހިފައިވާ ލިމިޓްގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އޭޓީއެމް މެދުވެރިކޮށް މީގެ ކުރިން ދުވާލަކު 640 ޑޮލަރު ނެގުނު ނަމަވެސް، މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް 1600 ޑޮލަރު ނެގޭނެ ކަމަށާއި 3200 ޑޮލަރު ޖަމާކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
"އޭޓީއެމް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ކުރުމަށް (25000 ހާސް ރުފިޔާއިން ދަށުގެ މުއާމަލާތް) މާލޭގެ ބްރާންޗްތަކާއި އަތޮޅުތެރޭގައި ބޭންކުގެ ސެލްފް ސަރވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ބްރާންޗްތަކަށް ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގައި ފީ އެއް މިވަނީ ކަނޑައެޅިފައި. މި ގޮތުން ކޮންމެ މުއާމަލާތަކަށް 75 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ." ބީއެމްއެލް އިން ބުނެއެވެ. ނަމަވެސް ސެލްސް ސާވިސް ހިދުމަތް ނުލިބޭ ބްރާންޗަކުން އެ ފީ ނުނަގާނެ ކަމަށް ބޭންކުން ބުނެއެވެ.
ކަސްޓަމަރުން މުއާމަލާތްކުރުމަށް ބޭންކުގެ ބްރާންޗަކަށް ނުގޮސް ހިލޭ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ބޭނުންކުރުމަށް ބީއެމްއެލް އިން އެދެއެވެ.
24 ގަޑިއިރު ހިދުމަތް ލިބޭ ބީއެމްއެލްގެ އޭޓީއެމް އާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް މިދިޔަ އަހަރު 10 މިލިއަން މުއާމަލާތް ހިންގި ކަމަށާއި އެ ހިދުމަތްތަކީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ހިދުމަތެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އެ ގެނެވުނު ބަދަލަކީވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަކަން ލިބި، އަދި ބްރާންޗްތަކުން ދެމުންދާ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނުވާނެ ބަދަލަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗަށް ޚިދުމަތް ހޯދުމަށް އަންނަ އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް ޗާޖެއް ނުނަގާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ