ވެރިކަން ވައްޓާލަން އުޅެގެން ޖަލަށް ލައިގެން ނުވާނެ – އުމަރު ނަސީރު

ދިވެހިރާއްޖޭގެ ވެރިކަން ވައްޓާލަން އުޅުމަކީ ޖަލަށް ލާންޖެހޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ޤާނޫނު އަސާސީގައި ޖާގަދޭކަމަށް މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަން ވައްޓާލަން އުޅުމަކީ ޖަލަށް ނުލައި މެނޭޖްކުރަންޖެހޭ ކަމެއް ކަމަށާއި، ވެރިކަން ވައްޓާލެވޭނެ ގޮތްތައް ޤާނޫނު އަސާސީގައިވެސް ލިޔެވިފައި އެބަ އޮތްކަމަށެވެ.
"ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ ޕޮލިޓިކްސް ގައި އަބަދުވެސް ހިނގާނެ ކަމެއް، ރައީސް މައުމޫން އަދި އެހެން ބޭފުޅުންވެސް ވެރިކަން ވައްޓާލަން އުޅެގެން ޖަލަށް ލައިގެން ނުވާނެ، އެއީ ޖަލަށް ނުލައި މެނޭޖްކުރަންޖެހޭ ކަމެއް" ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.
ވެރިކަން ވައްޓާލަން އުޅެގެން ޖަލަށް ލައިގެން ނުވާނެކަމަށް އުމަރު ނަސީރު ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށާއި އަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރުގެ އިސް ބައެއް ވެރިންނަށް ރިޝްވަތު ދީގެން ދިވެހި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ގިނަ ބަޔަކު ވަނީ ހައްޔަރު ކުރެވިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، އުއްތަމަ ފަނޑިޔާރާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ އިތުރުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންވެސް ހިމެނެއެވެ.
ވެރިކަން ވައްޓާލުމަކީ ޑިމޮކްރަސީގައި ހިނގާނެކަމެއްކަމަށް އުމަރު ވިދާޅުވިއިރު، މި ގައުމަށް އެހެން ދީންތަށް ވައްދައި ބަނގުރަލާއި އަފިހުންނާއި ޑިސްކޯގެ ނައިޓް ކުލަބުތަށް ހުއްދަ ކުރުމުގެ މަސައްކަތް ކުރަނީ ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން އެކިގޮތްގޮތުން އެހީވެދީގެން ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ