ރައީސް މައުމޫން ގެކޮޅުން ނެރެ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
ފުލުހުން ރައީސް މައުމޫން ހައްޔަރުކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ނެރެގެން ގޮސްފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ.
ރައީސް މައުމޫން ވަނީ ފުލުހުންގެ ވެހިކަލަށް އަރާވަޑައިގެންނެވުމުގެ ކުރިން އެ ސަރަހައްދުގައި ތިއްބެވި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނާއި، ބައެއް ސަޕޯޓަރުންނާއި ބައްދާލައްވާ ސަލާމްކުރައްވާފައެވެ.
މައުމޫން ހައްޔަރުކުރުމަށް ފުލުހުން އެގޭގައި ހަރަކާތްތެރިވާތާ ގިނަ އިރުތަކެއް ވަނީވެފައެވެ.
ރައީސް މައުމޫންގެ އިތުރަށް ދަނބިދަރިކަލުން މުހައްމަދު ނަދީމުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ރައީސް މައުމޫން ހައްޔަރުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން ރެކޯޑް ކޮށްފައިވާ ކުރު ވީޑިއޯ މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރާ ވަކި ސަބަބެއް އަދި ނޭނގޭ ކަމަށާއި ހައްޔަރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނުވާނެ ކަަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރާ ކުރުމަކީ ގާނޫނީ ހިލާފަށް ކުރާ ކަމެއް ކަމަށެވެެ.
ރައީސް މައުމޫން ވިދާޅުވީ ހައްޔަރުކުރި ނަމަވެސް އިސްލާހީ މަސައްކަތް ދޫނުކުރާނެ ކަމަށާއި ރައްޔިތުން ވެސް ހިތްވަރާއެކު އެމަސައްކަތުގައި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިމަސައްކަތް ކާމިޔާބު ކުރާނެ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން ގެކޮޅުން ނެރެ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ