ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ސަރުކާރުން މަރުހަބާ ކިޔައިފި

މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ސިސާސީ ކުށްވެރިން ދޫކޮށްލުމަށް ކޮށްފައިވާ އަމުރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ނުބެލޭނެކަމަށް ކަނޑައަޅާފައިވާ ބައި ސްޕްރީމް ކޯޓުން ބާތިލްކޮށް ސްޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މައްސަލަތައް އަލުން ބެލުމަށްޓަކައި ނުވަފަރާތެއް ބަންދުން ދޫކޮށްލުމަށް ސްޕްރީމް ކޯޓުގެ އަމުރުގައިވާ ބަޔާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލައި އެ ފަނޑިޔާރުންނާއި މެދު ޖުޑީޝަލް ސާރވިސް ކޮމިޝަނުން ފިޔަވަޅު އެޅުން މަނާކޮށްފައިވާ ބައި ބާތިލްކޮށްފައިވާ ކަމުގައެވެ.
މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ:
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް
އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއީލް
ކުރީގެ ޕްރޮޖެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން
މާމިނގިލީ ކޯޓްގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.
އަމުރު ނެރުނު އިރު ފާރިސް ހުންނެވީ ކްރިމިނަލް ކޯޓްގެ އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގައެވެ. ފާރިސް ބަންދުގައި ބެހެއްޓުމުގެ އަމުރު ރޭ ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވާއިރު މިއަދު ހެނދުނު ފާރިސްވަނީ ބަންދުން ދޫކޮށްލާފައެވެ.
ސްޕްރީމް ކޯޓުން ކުރިން ނެރުނު އަމުރުގެ ބައެއް އެކޯޓުން މިރޭ ބާތިލްކުރި އިރު މި ދަނޑިވަޅަކީ ކުއްލި ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސިފައިންނާއި ފުލުހުންގެ ކޮންޓްރޯލްގެ ދަށުގައި ގައުމާއި ސްޕްރީމް ކޯޓްވެސް އޮތް ދަނޑިވަޅެކެވެ.
ރައީސް އޮފީހުންބުނީ ސުޕްރީމް ކޯޓުން ނެރުއްވި އަމުރު (ނަންބަރު: 2018/SC-SJ/01) އަށް ބައެއް ބަދަލު ގެންނެވުމާ ގުޅިގެން ސަރުކާރުން އެކަމަށް މަރުޙަބާ ވިދާޅުވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ