ޓޮޓެންހަމްގައި ހުރުމާމެދު އުފަލުން ނެތް ކުޅުންތެރިން މި އިންތިހާބީ މޫސުމުގައި (ޓްރާންސްފާ ވިންޑޯގައި) އެހެން ކްލަބަކަށް ބަދަލުވާންޖެހޭނެ ކަމަށް އެ ކްލަބުގެ މެނޭޖަރު ރޮބާޓޯ ޑެ ޒާބީ ބުނެފި އެވެ.
ނިމިދިޔަ ސީޒަން ނިމެން އުޅެނިކޮށް، މާޗު މަހުގެ ފަހުކޮޅު ޓޮޓެންހަމްގެ ހަވާލުވެ، އެ ޓީމު ޕްރެމިއާ ލީގުން ރީލިގޭޓްވިޔަނުދީ ސަލާމަތްކޮށްދިން އިޓަލީގެ ކޯޗު މިހެން ބުނީ، އެ ކްލަބުގެ ޒުވާން މިޑްފީލްޑަރު ލޫކަސް ބާގްވާލްގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ސްވިޑަންގެ މިޑްފީލްޑަރު ބާގްވާލް ހޯދުމަށް ނޮޓިންހަމް ފޮރެސްޓުން ހުށަހެޅި 38 މިލިއަން ޕައުންޑުގެ ފުރަތަމަ ހުށަހެޅުން ޓޮޓެންހަމުން ވަނީ ރިޖެކްޓްކޮށްފަ އެވެ. ނަމަވެސް ފޮރެސްޓުން ދަނީ އެ ހުށަހެޅުން 45 މިލިއަން ޕައުންޑަށް މަތިކުރުމަށް ތައްޔާރުވަމުންނެވެ.
"އަހަރެން ޓޮޓެންހަމްއާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ސާފުކޮށް ބުނިން. އަހަރެން ބުނިން، ޓޮޓެންހަމްގައި ހުންނަން ބޭނުންނުވަނީ ކާކުހޭ؟ މިތަނުގައި ހުރުމުން އުފާނުވާ، ނުވަތަ ފަހުރުވެރިނުވާ ކުޅުންތެރިޔަކު ހުރިއްޔާ ޖެހޭނީ ދާން،" އާދީއްތަ ދުވަހު ނިއުޒީލަންޑްގައި އޯކްލޭންޑް އެފްސީއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ޑެ ޒާބީ ބުންޏެވެ.
"އަހަރެން ބޭނުންވަނީ ކުޅުންތެރިން މިތަނުގައި ތިބުމަށް ފަހުރުވެރިވެ، އުފަލާއެކު ތިބެން. އަދި ބޮޑު މޯޓިވޭޝަނަކާއެކު ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގެ ދަނޑުމަތީގައި ކުޅެން. ސަބަބަކީ މިހާރުގެ ފުޓްބޯޅައިގައި، ވޯލްޑް ކަޕަށް ބެލިޔަސް، ތަފާތު ދައްކައިދެނީ މި މޯޓިވޭޝަން.
"މޯޓިވޭޝަނަކީ އެއް ޓީމެއްގައި ހުރުމަށް އުފާވުން."
ޒަވީ ސިމަންސް--- ފޮޓޯ: އޭއެފްސީ ބޯންމައުތު/ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމްގެ މަސައްކަތްތައް އަދި ނުނިމޭ:
2024 ވަނަ އަހަރު ސްވިޑަންގެ ޑްޖުރްގާޑަންއިން ޓޮޓެންހަމަށް ބަދަލުވި ބާގްވާލަށް، ނިމިދިޔަ ސީޒަނުގެ ފަހުކޮޅު ޑެ ޒާބީގެ އިރުޝާދުގެ ދަށުން ކުޅެން ލިބުނީ މަދު ވަގުތުކޮޅެކެވެ.
އުމުރުން 20 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ޑެ ޒާބީގެ ފުރަތަމަ މެޗު (ސަންޑަލޭންޑް އަތުން 1-0 އިން ބަލިވި މެޗު) ގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަތަރު މެޗުންނެވެ.
ޓޮޓެންހަމުން ވަނީ މިއަދާ ހަމައަށް މެދުތެރެއަށް ނިއުކާސަލް ޔުނައިޓެޑުން 100 މިލިއަން ޕައުންޑަށް ސަންޑްރޯ ޓޮނާލީ އަދި ވެސްޓްހޭމްއިން 85 މިލިއަން ޕައުންޑަށް މަތެއުސް ފެރްނާންޑޭސް ގެނެސްފަ އެވެ.
"އަހަރެން އަދި ލޫކަސްއާ ވާހަކައެއް ނުދައްކަން،" ޑެ ޒާބީ ބުންޏެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެން އޭނާއާ ވާހަކަދައްކާނަން. އަދި ކްލަބަށާއި، ލޫކަސްއަށް، އަދި އަހަންނަށްވެސް، އެންމެ ރަނގަޅު ގޮތް މައްސަލައެއް ނުޖެހި ނިންމާނަން. ލޫކަސްއަކީ ވަރަށް ބޮޑު ހުނަރުވެރިއެއް."
"ޓީމުން ޖާގަ ހޯދުމަށް ބޮޑު ވާދަވެރިކަމެއް އޮންނާނެ. ސަބަބަކީ އެންމެ ފަހުން ބަލާއިރު، ކޮންމެ މަގާމަކަށް ދެ ކުޅުންތެރިން ތިބޭނެ ކަމަށް އަހަރެން ދެކެނީ."
"އޭނާ ހުންނަން ބޭނުންނަމަ އަހަރެން ހުންނާނީ އުފަލުން. ނޫންނަމަ، [ސްޕޯޓިން ޑިރެކްޓަރު] ޔޯހަން ލޭންގޭ އަދި [ޗީފް އެކްޒެކެޓިވް] ވިނާއި ވެންކަޓޭޝަމްއާއެކު އާ ހައްލެއް ހޯދަންޖެހޭނެ. ދާން ނިންމުމަށްފަހު، އެއީ އަހަރެން ބެހޭ ކަމެއް ނޫން."
ލޫކަސް ބާގްވާލް--- ފޮޓޯ: ސެބާސްޓިއަން ފްރެޖް/ގެޓީ އިމޭޖަސް
ޓޮޓެންހަމުން ވަނީ ޑިފެންޑަރުން ކަމަށްވާ ޔާން ޕޯލް ވަން ހެކޭ، އެންޑީ ރޮބަޓްސަން އަދި މާކޯސް ސެނެސީވެސް ޓީމަށް ގެނެސްފަ އެވެ. އަދި ޑެ ޒާބީ ބުނި ގޮތުގައި މިހާރު "އަމާޒަކީ އެޓޭކިން މަގާމުތައް ފުރިހަމަކުރުން" ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް، އަހަރެން ދެކޭގޮތުގައި އަހަރެމެންގެ ޓްރާންސްފާ މާކެޓުގެ މަސައްކަތްތައް އަދި ނުނިމޭ،" އޭނާ އިތުރަށް ބުންޏެވެ. "އަހަރެމެން ޖެހޭނެ ނިންމާލަން. އަދި އިތުރު ދެ ކުޅުންތެރިން، ނުވަތަ އެއަށް ވުރެ ގިނައިންވެސް ގެންނަންޖެހިދާނެ، ނަމަވެސް ދެ ކުޅުންތެރިންނަށްވުރެ މަދެއް ނުވާނެ."
ނިއުޒީލަންޑަށް ދިޔަ ޓޮޓެންހަމްގެ ސްކޮޑުގައި ބާގްވާލް ހިމެނުނު ނަމަވެސް، ފްލޭންކް ކުޅުންތެރިން ކަމަށްވާ މުހައްމަދު ކުޑޫސް (ފަލަމަސްގަނޑަށް ލިބުނު އަނިޔާ) އަދި ޑެޖާން ކުލުސެވްސްކީ (ކަކުލަށް ލިބުނު އަނިޔާ) ދިގު މުއްދަތުގެ އަނިޔާއިން ރީކަވާވަމުންދާތީ މި ދަތުރުގައި ބައިވެރިއެއް ނުވެ އެވެ.
"ކުޑޫސް ހުރީ ވަރަށް ގާތްކޮށް. އަހަރެމެން އެނބުރި ލަންޑަނަށް ދިއުމުން އޭނާއަށް އަހަރެމެންނާއެކު މަސައްކަތް ކުރަން ފެށޭނެ ކަމަށް ބެލެވޭ،" ޑެ ޒާބީ ބުންޏެވެ. "އެއީ އަހަރެމެންނަށް ލިބޭ ބޮޑު އުފަލެއް. ކުޑޫސްއަކީވެސް މުހިންމު ކުޅުންތެރިއެއް.
"ކުލުސެވްސްކީގެ ކަންތަކުގައި ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ބަލަންޖެހޭނެ. އޭނާއަކީވެސް މުހިންމު ކުޅުންތެރިއެއް. އެއް މެޗުވެސް ނުކުޅެ، މުޅި ސީޒަން ފުރިހަމަކުރުމަށްފަހު، އަހަރެމެން ޖެހޭނެ އިތުރަށް ރަނގަޅަށް އެނަލައިޒްކުރަން. ރިސްކެއް ނަގާކަށް ބޭނުމެއް ނޫން، އެންމެ ފުރަތަމަ އޭނާއަށްޓަކައި، އަދި އޭގެ ފަހުން އަހަރެމެންނަށްޓަކައި."
މީގެއިތުރުން، ޓޮޓެންހަމްގެ އެޓޭކިން މިޑްފީލްޑަރު ޒަވީ ސިމަންސް ވަނީ، އޭޕްރީލް މަހު އޭނާގެ ކަކުލުގެ އޭސީއެލް (ACL) އަށް ލިބުނު ސީރިއަސް އަނިޔާއަށްފަހު "ފުރަތަމަ ހަތަރު ދުވަހަކީ އޭނާގެ ހަޔާތުގައިވެސް ދިމާވި އެންމެ ގޯސް ދުވަސްތައް" ކަމަށް ބުނެފަ އެވެ.
ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކުރަންޖެހުނުއިރު، އޭނާއަށް ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ގެއްލިފަ އެވެ.
"އަހަންނަކަށް ނުނިދޭ، ހަފުތާއެއް ވަންދެން އެއްޗެއްވެސް ނުކެވުނު،" ޓޮޓެންހަމްގެ އޮފިޝަލް ވެބްސައިޓަށް އޭނާ ބުންޏެވެ. "ވަރަށް ބޮޑަށް ތަދުވި. ހަރުކަށިކޮށް ހޮޑުލެވި، ބޯއެނބުރި، ހުރިހާ ކަމެއް ދިމާވި. އެ ތަދަކީ އެއްވެސް މީހަކަށް ތަހައްމަލުކުރަން އަހަރެން އެދޭނެ ތަދެއް ނޫން."
"އެހެން ކުޅުންތެރިންނަށް ވާގޮތެއް އަހަންނަކަށް ނޭނގެ، ނަމަވެސް އަހަންނަށް އިހުސާސްވީ މުޅި ހަށިގަނޑު 'ކިހިނެއްހޭ މިވީ؟' ބުނާ ފަދަ ގޮތެއް."
"ނަމަވެސް ކަންކަން ވާނީ މިހެން. އަހަރެން މިހާރު ހުރީ އުފަލުން، އަދި ރަނގަޅު ހާލަތެއްގައި." ޒަވީ ސިމަންސް ބުނެފައިވެ އެވެ.
އުފަލުން ނެތް ކުޅުންތެރިން ޓޮޓެންހަމް ދޫކޮށް ދާންޖެހޭ: ޑެ ޒާބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ