އެހެން ދީންތައް ގެންނަން އުޅެނީ ލާދީނީ ފިކުރުގަ ތިބި ސިޔާސީ ލީޑަރުން އެހީވެގެން: އުމަރު
ރާއްޖެއަށް އެހެން ދީންތައް ގެންނަން އުޅެނީ ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މުސްލިމަކަށް ނޫނަސް ދިވެހި ރައްޔިތަކަށް ވެވެންޖެހޭނެ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަނުން ފާސްކުރި ރިޕޯޓް ކުށްވެރި ކުރައްވައި އުމަރުގެ ވައިބާ ޕަބްލިކް ޗެޓްގައި އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް އީޔޫން ކުރާ މަސައްކަތްތަކަށް ދިވެހީން ފާރަވެރިވާންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އީޔޫ އިން މަސައްކަތް ކުރަނީ ސަރުކާރަށް އޮތް ނަފްރަތުގެ އޮއިވަރުގެ ތެރެއިން ރާއްޖެއަށް އެހެން ދީންތައް ވެއްދުމަށް ކަމަށެވެ. އަދި ރާއްޖެއަށް އެހެން ދީންތައް ވެއްދުމަށް ކުރާ މަސައްކަތަކީ ވަރަށް ޒަމާންވީ މަސައްކަތެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން އެކިގޮތްގޮތުން އެހީވެދީގެން، މި ގައުމަށް އެހެން ދީންތައް ވައްދައި ބަނގުރަލާއި އަފިހުނާއި ޑިސްކޯގެ ނައިޓް ކްލަބްތައް ހުއްދަކޮށް، ދިވެހި ގައުމު އިސްލާމްދީނުން ބޭރުކުރުމުގެ މަސައްކަތަކީ ކޮންމެ ދިވެއްސަކު ސަމާލުވާންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ގޮވާލާ ގައުމުތަކަށް ވެސް އުމަރު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ މަރުގެ އަދަބު ނުދިނުމަށް ގޮވާލާ ގައުމުތަކަކީ އެމީހުންގެ ބޮން އަޅާ ޖެޓްތަކުން ކުށެއް ނެތް މައުސޫމު އެތައް ބަޔަކަށް ޝަރީއަތެއް ނެތި ކޮންމެ އަހަރަކު މަރުގެ އަދަބު ދެމުންދާ ގައުމުތަކެއް ކަމަށެވެ. "...ރާއްޖެއަށް އެހެން ދީންތަކާއި ފިކުރުތައް ވެއްދުމަށް އެތެރެއިންނާއި ބޭރުން ކުރެވޭ ހުރިހާ މަސައްކަތަށް ހުރަސްއެޅުންމަތީ ދިވެހީން ދެމިތިބޭނެ،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ