ކެނެޑާގެ ޖުޑީޝަރީގެ ވަފުދުގެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައިފި

ކެނެޑާގެ ޖުޑީޝަރީގެ ވަފުދުގެ ބޭފުޅުން ރާއްޖޭގެ ކޯޓުތަކާއި ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާއެކު ބޭއްވުނު ބައްދަލުވުންތައް ނިންމަވާލެއްވުމަށްފަހު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފި އެވެ.
އެކޯޓުން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކެނެޑާގެ ޖުޑީޝަރީގެ ވަފުދުން ރާއްޖޭގެ ކޯޓުތަކާއި ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުވުންތަކުގެ މަޝްވަރާތަކުން ލިބުނު މަޢުލޫމާތާއި ފާހަގަކުރެވުނު ކަންތައްތައް ހިއްސާކޮށް ކެނެޑާގެ ޝަރުޢީ ދާއިރާއިން އެހީ ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުން ކަމަށެވެ.
މިގޮތުން ކަނޑައެޅޭ ދާއިރާތަކުން ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްތަކެއް ރޭވުމަށާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ދެނެގަތުން ހިމެނޭ ކަމަށެވެ.
މީގެ ކުރިން މި އޮކްޓޯބަރ 01 ވަނަ ދުވަހު މި ވަފުދުގައި ހިމެނޭ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވާފައިވެ އެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރާއްޖޭގެ ޝަރުޢީ ދާއިރާއިން ކެނެޑާގެ ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއާ އިންތިޒާމްތައް ހަމަޖައްސަވާފައިވާ ފުރިހަމަކަމަށްޓަކައި ކެނެޑާގެ ވަފުދުގެ ބޭފުޅުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށާއި ރާއްޖޭގެ ޝަރުޢީ ދާއިރާގެ އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ