ކާޑު ބޭނުންނުކޮށް ޕީއޯސްތަކުގައި މޮބައިލް ފޯނު ޖައްސާލައިގެން ފައިސާ ދެއްކޭ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރަން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން "މޮބައިލް ޕޭ"ގެ ނަމުގައި އަލަށް ތައާރަފްކުރާ ހިދުމަތަކީ ރާއްޖޭގައި އަލަށް ދޭން ފަށާ ހިދުމަތެކެވެ. މި ހިދުމަތް ތައާރަފް ކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ހާއްސަ ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިކަމާ ގުޅޭ ތަފުސީލެއް އެ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.
ބީއެމްއެލް އިން އަލަށް ތައާރަފް ކުރާ ހިދުމަތް ހޯދުމަށް އެކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ ހާއްސަ އެޕްލިކޭޝަނެއް މޮބައިލް ފޯނަށް އަޅަން ޖެހެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހިދުމަތް ހޯދުމަށްޓަކައި، ކަސްޓަމަރުގެ ނަމުގައި ހުންނަ ހުރިހާ ކާޑެއް އެޕްލިކޭޝަންގައި ލިންކު ކުރުމަށް ފަހު ފޯނުން ފައިސާ ދެއްކޭނެ އެވެ.
މި ހިދުމަތް ހޯދުމަށް އެންޑްރޮއިޑް ފޯނުތައް ޖެހޭނީ ޕީއޯއެސްތަކުގައި ޖައްސާލާށެވެ. އޭރުން އޮޓޮމެޓިކްކޮށް އެކައުންޓުން ފައިސާ ކެނޑޭނެ އެވެ. އަދި މި ހިދުމަތް އައިފޯނަށް ވެސް ލިބޭނެ އެވެ.
އަލަށް ތައާރަފްކުރާ ހިދުމަތް ބޭންކުން ބަހައްޓާފައިވާ ގިނަ ޕީއޯއެސްތައް މެދުވެރިކޮށް ލިބޭނެ އެވެ. ބީއެމްއެލް އިން އެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ ސްރީލަންކާގެ އެޕިކް ޓެކްނޮލޮޖީ ގްރޫޕް ކިޔާ ކުންފުންޏެއްގެ ޓެކްނޮލޮޖީ އެވެ.
ލަންކާގެ ޑެއިލީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީއޯއޯ ވިރާޖް ސީ މުޑަލިގެ ވިދާޅުވީ ކުރިމަގުގައި ބޭރު މީހުންނަށް ވެސް ރާއްޖޭގައި އެ ހިދުމަތް ބޭނުންކުރެވޭނެ އެޕްލިކޭޝަނެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
"މި ހިދުމަތް ހޯދަން ކަސްޓަމަރަކު ހޭދަކުރަން ޖެހޭނީ އެންމެ ހަތަރު ސިކުންތު،" އޭނާ ވިދާޅުވެފައިވެ އެވެ.
ކާޑާ ނުލައި ފޯނު ޖައްސާލުމުން ފައިސާ ދެއްކޭ ގޮތް ބީއެމްއެލުން ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ