މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސްކަމުގެ މަގާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަންކުރަން، އެ ޕާޓީ އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގައި ނިންމައިފި އެވެ.
އިންތިގާލީ ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް މައުމޫން އެކަންޏެވެ.
މިރޭ 8:15 ގައި ދަރުބާރުގޭގައި ޖަލްސާ ފަށަން ހަމަޖައްސާފައި އޮތް ނަމަވެސް، ޕާޓީއެއް އުފެއްދުމަށް ބާއްވާ ޖަލްސާއެއްގައި ހަމަވާންޖެހޭ 300 މެންބަރުން ހަމަނުވެގެން ޖަލްސާ ފެށުނީ 10:00 ގެ ވެސް ފަހުންނެވެ. ގާނޫނީ އަދަދު ހަމަވިކަން އިއުލާން ކުރީ 10 ޖަހަން އުޅެނިކޮށެވެ.
އެ ޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމެޓީ އަށް 20 މެމްބަރުން އިންތިޚާބުކުރުން މިހާރު އެބަ ކުރިއަށްދެ އެވެ. އެ ކޮމެޓީއަށް އިންތިޚާބުކުރަނީ 10 އަންހެނުންނާއި 10 ފިރިހެނުންނެވެ.
އޭގެ އިތުރުން އިންތިގާލީ ޒުވާނުންގެ ކައުންސިލްގެ ފިރިހެން މެމްބަރުންނާއި އަންހެން މެމްބަރުންނާއި އިންތިގާލީ އަންހެނުންގެ ކައުންސިލަށް ވެސް މީހުން އިންތިޚާބު ކުރާނެ އެވެ.
އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ވަނީ އެ ޕާޓީގެ ލޯގޯ ވެސް ފާސްކޮށްފަ އެވެ. ތިން ލޯގޯއަކަށް ވޯޓަށް އެހުމުން ހޮވުނީ ރައީސް މައުމޫން ތާއީދުކުރެއްވި ލޯގޯ އެވެ. ދެ ތީރު ދައްކައިދޭ އެ ލޯގޯގައި ހިމެނެނީ ފެހި ކުލަ އާއި ރަން ކުލަ އެވެ. އެއީ އެ ޕާޓީގެ ކުލަ ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ޕާޓީގެ އަސާސީ ގަވައިދު ވެސް ވަނީ މިރޭ ފާސްކޮށްފަ އެވެ. ދިހަ ބާބާއި 40 މާއްދާ ހިމެނޭ އެ އަސާސީ ގަވައިދުގައި އަންހެނުންނަށް ފުރުސަތުތައް ދިނުމަށް ބާރުއަޅާފައިވެ އެވެ.
އެމްއާރުއެމް އުފެއްދުމުގެ މަސައްކަތް މައުމޫން ފެއްޓެވީ އެމަނިކުފާނު ކުރިން އުފެއްދެވި ޕީޕީއެމްގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ޕާޓީން ވަކިކޮށް އަދި ޝަރުއީ މަރުހަލާގެ ތެރެއިން އެ ޕާޓީ މައުމޫނަށް ލިބިވަޑައިނުގަތުމުންނެވެ.
އޭގެކުރިން އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި، ވަޑައިގަތީ އެ ޕާޓީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު އެވެ.
އެމްއާރުއެމްގެ ރައީސަކަށް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ