ކާބަފައިންގެ ދާ އޮހޮރުވައިގެން ގާއިމު ކުރި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުް މިނިވަން ކުރަން ކުރި މަސައްކަތް ކާމިޔާބު ކުރެވިއްޖެ ކަމަށާއި ދެން އެނބުރޭނީ ރައްޔިތުންގެ މަޖިލީސް ސީދާ ހަމަމަގަށް އެޅުވުމަށް ކަމަށް ޖީއެމްއާރު ބޭރުކުރަން އިންތިހާދުގެ ތެރެއިން އުފެއްދި "ރައްޔިތުންގެ ގައުމީ ހަރަކާތުން" ރޭ ބުނެފި އެވެ.
ޖީއެމްއާރާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއާޕޯޓް ކުއްޔަށް ދިނުމުގެ އެގްރިމެންޓް ބާތިލް ކުރިކަން ސަރުކާރުން އިއުލާނު ކުރުމާ ގުޅިގެން އެކަމާ އުފާ ފާޅުކުރުމުގެ ގޮތުން "ރައްޔިތުންގެ ގައުމީ ހަރަކާތުން" ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ހަރަކާތް ހިންގާ ކޮމެޓީގެ މެމްބަރު އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަމީމް ވިދާޅުވީ ދިވެހި ގައުމީ ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަރަށް ގިނަ މައްސަލަތަކެއް ހައްލު ކުރަން އުފައްދާފައިވާ ހަރަކާތެއް ކަމަށެވެ. އެހެން ކަމުން ރެއަށް ފަހު ދެން ނިކުންނާނީ ރައްޔިތުންގެ މަޖިލީސް ހަމަ މަގަށް އެޅުވުމުގެ ގޮތުން "ސީދާ ކަރަކާތަށް" ކަމަށް ވެސް ވިދާޅުވި އެވެ.
"އެއާޕޯޓް ޖީއެމްއާރު އަތުން ހޯދިއްޖެ. ދެން އަޅުގަނޑުމެންގެ ނަޒަރު މިރެއިން ފެށިގެން މި ސީދާކޮށްލަނީ ސީދާ ރައްޔިތުންގެ މަޖިލީހަށް. އިރާދަ ކުރެއްވިއްޔާ ތިޔަ ބޭފުޅުން ބޭނުންވާ ފަދައިން މާދަމާ ރެއިން ފެށިގެން މަޖިލިސް ހަމަ މަގަށް އަޅުވަން ނިކުންނާނަން،" ޝަމީމް ރޭ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހަށް ބަހުގެ އިންޒާރުތަކެއް ދެއްވި އެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ނަގާ ވޯޓަކީ ސިއްރު އެއްޗެއްގެ ގޮތުގައި ކަނޑައަޅަން ޖީއެމްއާރުން ފައިސާ ދީގެން އެކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓުވަން ޖެހޭނެ ކަމަށާއި އެހެން ނަހައްދަވައިފި ނަމަ އެ ވޯޓު ނަގާ ދުވަހަކީ ޝާހިދުގެ ފަހަތުން ދުވާނެ ދުވަސް ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރަން ވޯޓުދޭ ކޮންމެ މެމްބަރަކީ މިގައުމުގެ ޚާއިނުންގެ ގޮތުގައި ހަދައި އެ މީހުންގެ ފަހަތުން ދުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.
"މަޖިލީހުގެ ރައީސަށް ވެސް މި ދަންވަނީ އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކަން މިލައްވާ ވޯޓު ހުއްޓާ ލައްވާށޭ. ނޫން ނަމަ ޝާހިދު ފަހަތުން ވެސް ދުވާނަމޭ. ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރަން ވޯޓުދޭ ކޮންމެ މީހަކީ މިގައުމުގެ ޚާއިނުންގެ ގޮތުގައި ހަދައި އެ މީހުންގެ ފަހަތުން ވެސް ދުވާނަން. އެހެންކަމުން ވޯޓު ނަގާދުވަހުން ފެށިގެން އަޅުގަނޑުމެން ސީދާ ހަރަކާތް ކުރިއަށް ގެންދާނަން. އަޅުގަނޑު ދަންނަވަންތޯ، މި ނަގަން އުޅެނީ އިތުބާރު ނެތްކަމުގެ ވޯޓެއްނޫން އިނގޭތޯ. އެއީ ރައީސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމަށް ވަރަށް ގައްދާރުވެރި، ވަރަށް ނުބައި މަކަރުވެރި ރޭވުމެއްގެ ދަށުންކުރާ ކަމެއް،" އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީގެ 26 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފަ އެވެ.
އެއާޕޯޓް ލިބިއްޖެ، ދެން އެނބުރޭނީ ސީދާ މަޖިލީހަށް: ގައުމީ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ