މަދަނީ އަބްދުﷲ މަގާމުން ވަކިކުރައްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު އެމަގާމުން ވަކިކުރައްވައިފި އެވެ.
މަދަނީ އަބްދުﷲގެ ނަމުން މަޝްހޫރު އަބްދުﷲ މަގާމުން ވަކިކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް އަބްދުﷲގެ ބަހެއް ވަނީ ވީނިއުސްއަށް ލިބޭ ގޮތް ނުވެފަ އެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި އަބްދުﷲ މަގާމުން ވަކިކުރެއްވިއިރު އޭނާ ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ސަރުކާރު ހިންގާ ކޯލީޝަންގެ ޓިކެޓެއް ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.
އަބްދުﷲ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ބޭއްވުނު ބޮޑެތި ސިޔާސީ އެއްވުންތައް ލީޑްކުރުމުގައި ހުންނެވި އެންމެ އިސް އެއް ފަރާތެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއި ހަމައަށް ކުރިއަށް ގެންދިޔަ 22 ރޭގެ މުޒާހަރާއާއި، ނަޝީދުގެ ވެރިކަމުގައި މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް ސިޔާސީ ރެލީ "23 ޑިސެމްބަރު" މުޒާހަރާ ލީޑް ކުރުމުގައި ވެސް އަބްދުﷲ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަބްދުﷲ އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ