ހައްދު ފަހަނައަޅާފައިވާ މީހުންނާމެދު ފިޔަވަޅު އަޅަން ގޮންޖެހުންތަކެއް އެބަހުރި: އުމަރު

ދީނީ ގޮތުން ހައްދު ފަހަނާޅާފައިވާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިފަދަ މައުލޫމާތުތަކަކީ އިންޓެލިޖެންސްގެ ތެރެއިން ލިބޭ މައުލޫމާތަށް ވުމުން ކޯޓުގައި މިފަދަ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ބޭނުންވާ އެކަށީގެންވާ ހެކި ހުށަހެޅުމުގައި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރު އަބުދުﷲ ރިޔާޒު، ފުލުހުންނަށް ދިމާވެފައިވާ މައްސަލަތަށް ހައްލު ކުރެއްވުމަށް ކުރައްވަމުން ގެންދަވަނީ ކޮންކަހަލަ މަސައްކަތަތަކެއްތޯ އޮޅުންފިލުވައިދެއްވުމަށް އެދި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހެކި ހުށަހެޅުމުގެ މިންގަނޑު އޮތް ގޮތުން ފުލުހުންގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ހެއްކާ ބެހޭ މިންގަނޑު ދަށް ކުރުމަށް މަޖިލިހާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި ހިގަމުންދާ ދާޚިލީ ހަނގުރާމަތަކަށް ގޮސް އުޅެނީ ހަތް ވަރަކަށް މީހުން ކަމަށާއި، ސްކޫލް ތަކުގައި މިފަދަ ހައްދު ފަހަނާޅާފައިވާ ހިޔާލުތަށް ފެތުރިގެން ދިޔަ ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިފަދަ ޙިޔާލު ތަފާތުވުން ހުންނަ ފަރާތްތަށް ހޯދާ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން އެފަދަ މީހުންނަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ. މިފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބަޔަކު ރާއްޖޭގައި އުޅޭ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހިމް ހަސަން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އުމަރު ވިދާޅުވީ ރާއްޖެއިން ބޭރަށް މިފަދަ ކަންކަމުގައި ގޮސް ތިބި މީހުންގެ ތެރެއިން އަބުރާ ގެނެވޭ މީހުންނަށް ދެވަނަ ފަހަރަށް ފުރުމުގެ ފުރުސަތު ލިބިފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ