ރިލްވާނަށް ވީގޮތް ކަނޑައަޅަން އަދި އަވަސް: އުމަރު

ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲއަށް ވީގޮތެއް ކަނޑައަޅަން އަދި މާ އަވަސް ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިލްވާންގެ މައްސަލާގައި މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރިލްވާން ގެއްލުނީ ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަަމަވެސް ރިލްވާން އަމިއްލައަށް ފިލީތޯ، ގެއްލުނީތޯ ނޫނީ ބަޔަކު އޭނާ ފިލުވީތޯ ނުވަތަ ކޮންމެވެސް ބަޔަކު އޭނާ ވަގަށް ނެގީތޯ ކަނޑައަޅަން އަދި މާ އަވަސް ކަމަށެވެ.
މިނިސްޓަރު އުމަރު މީގެ ކުރިން ވިދާޅުވި ފަދައިން މިއަދުވެސް ވިދާޅުވީ ރިލްވާން ފެންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ރިލްވާން ހޯދުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށާއި އެމަސައްކަތުގައި ފުރޮޅަންޖެހޭ އެއްވެސް ގާކޮޅެއް ނުފުރޮޅާ ނުބާއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ބައެއް އިދިކޮޅު ފަރާތްތަކުން އެބަ ބުނޭ [ރިލްވާން] ގެއްލުވާލީއޭ، އެއީ ނުބައި ޓާމެއް. އަދި މާ އަވަސް އެ ޓާމް ބޭނުންކުރަން. ރިލްވާން އިރާދަކުރެއްވިއްޔާ ފެންނާނެ. ފެނުނީމަ އެނގޭނީ އެނާ ގެއްލުނީތޯ އޭނާ އަމިއްލަ އަށް ފިލީތޯ، ބަޔަކު އޭނާ ފިލުވީތޯ ނުވަތަ ބަޔަކު އޭނާ ވަގަށް ނެގީތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިލްވާން ހޯދުމަށް ފުލުހުންގެ ގިނަ އަދަދެއްގެ ފުލުހުން އެކަމަށް ހާއްސަކޮށް ވަރަށް ގިނަ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ދަށުން 22،000 އަށްވުރެ ގިނަ ފޯން ކޯލް އަޑުއަހަމުންދާ ކަމަށާއި 4000 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖްތައް ބަލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގެއްލޭ ކޮންމެ މީހަކު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ހުށަހަޅާ ކޮންމެ މައްސަލައަކީ ހައްލު ލިބޭނެ ނުވަތަ ހައްލުވާނެ މައްސަލަތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެމެރިކާ އަކީ ރާއްޖެ އަށް ވުރެ ވަސީލަތްތަކުގެ ގޮތުން މާ ތަނަވަސް ގައުމެއް ކަމަށާއި ނަމަވެސް މިއަހަރު އެކަނި ވެސް 600 އަށްވުރެ ގިނަ މީހުން ގެއްލިގެން އެމެރިކާގައި ރިޕޯޓްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެމީހުންގެ ރިސޯސް ވެސް ބަޖެޓް ވެސް އަޅުގަނޑުމެންނަށް ވުރެ މާ ބޮޑުވާނެ. އެކަމަކު ނުހޯދިފައި އެހުރީ. އެހެންވީމަ ގެއްލޭ މީހަކު ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ކޮންމެ ކްރައިމް އަކީ ސޯލްވާ ކްރައިމެއް ނޫން،" އުމަރު ވިދާޅުވި އެވެ.
ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ރޭ ހުޅުމާލެ ފެރީ ޓާމިނަލް ތެރެއިންނެވެ. ރިލްވާން ގެއްލުނު މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް އެކަކު އަދިވެސް ހުރީ ބަންދުގަ އެވެ. އަދި ކޯޓުން ވަނީ އެމީހާގެ ބަންދުގެ މުއްދަތު ފަސް ފަހަރަށް އިތުރުކޮށްފަ އެވެ. ރިލްވާން ގެއްލުނު މައްސަަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހްމާލެއް އޮތްތޯ ބަލައިދިނުމަށް ރިލްވާންގެ އާއިލާއިން ވަނީ އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ