މަޑަވެލި ދާއިރާގެ މެންބަރު މުއާޒް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު، ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.
މުއާޒް ޖޭޕީ އާއި ގުޅިވަޑައިގެންނެވީ މިކަމަށް ހާއްސަކޮށްގެން މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައިއެވެ.
މުއާޒް ވަނީ، އޭނާ ޖޭޕީ އާއި ގުޅުމަށް ފުރި މެމްބާޝިޕް ފޯމް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ހަވާލުކުރައްވާފައެވެ.
ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު މުއާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމކީ ވަރަށް ބޮޑު ގޮން ޖެހުމެއް ކަމަށާއި ޖޭޕީ އާއި ގުޅުނީ މިވަގުތު އެންމެ ޑިމޮކްރަޓިކްކޮށް މަސައްކަތްކުރާ ޕާޓީއަކީ ޖޭޕީ ކަމަށްވާތީ ކަމަށެވެ.
މުއާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މަޑަވެލި ދާއިރާއަށާއި ރާއްޖެއަށް ފުރިހަމަ ހިދުމަތްތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި ޖޭޕީގެ ލީޑަރު ގާސިމްއަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށާއި އެކަމުގައި މުއާޒްގެ އެހީތެރިކަން ޖޭޕީއަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒް ޖޭޕީއަށް ސޮއިކުރެއްވުމާއިއެކު އެޕާޓީގެ މެންބަރުންގެ އަދަދު 13 އަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ