މިލަންދޫ ބައި އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކުރުމާއި ގުޅިގެން މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ށ.މިލަންދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަން، ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކާމިޔާބު ކުރުމުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުސްވެފައިވާ މިލަންދޫ ކައުންސިލްގެ ގޮނޑިއަށް ދެ ކައުންސިލަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ދެކެންޑިޑޭޓުން ކަމަށްވާ އެރަށު ބައިނިވިލާ، ހަސަން އަބްދުއްރަހްމާން އާއި އެރަށު ފަތިސްވިލާ، މުހައްމަދު މަންސޫރަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އިއްޔެ ބޭއްވި ބައި އިލެކްޝަންގައި ހަސަން އަބްދުއްރަހްމާންއަށް 576 ވޯޓު ލިބިވަޑައިގެންނެވިއިރު، މުހައްމަދު މަންސޫރަށް ލިބިވަޑައިގެންފައިވަނީ 557 ވޯޓެވެ.
މާލެ އާއި މިލަންދޫގައި ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔައިރު، ޕީޕީއެމް އާއި ވާދަކުރެއްވި އެމްޑީޕީގެ ދެކެންޑިޑޭޓުންގެ ތެރެއިން ތިންވަނައަށް ދިޔަ އެމްޑީޕީ ކެންޑިޑޭޓު އަހުމަދު އަޒީމްއަށް ލިބިވަޑައިގެންފައިވަނީ 459 ވޯޓެވެ. އަދި ބައި އިލެކްޝަންގައި ވާދަކުރެއްވި ހަމައެކަނި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދަށް 444 ވޯޓު ލިބިވަޑައިގެންނެވިއެވެ.
މިލަންދޫ ކައުންސިލްގެ ދެގޮނޑި ހުސްވެފައިވަނީ އެކައުންސިލްގެ ކުރީގެ ނައިބު ރައީސް ހަސަން ފަޔާޒު އާއި ކައުންސިލް މެންބަރު މުހައްމަދު ޔާސިރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ