ހުކުމާއެކު ދިއްގަރު ދާއިރާގެ ގޮނޑިއާމެދު ސުވާލެއް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ދިއްގަރު ދާއިރާ މެންބަރުގެ ގޮތުގައި އިންތިހާބުވީ އަހުމަދު ނާޒިމެވެ. މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ނާޒިމްގެ މައްޗަށް ހިޔާނާތުގެ މައްސަލައެއް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށްލާން 2014 ވަނަ އަހަރު ހުކުމް ކުރުމާއެކު، އޭނާގެ ގޮނޑި ވަގުތުން ގެއްލުނެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ގެއްލުނު ހުކުމް ބާތިލްކޮށްފަ އެވެ. އެއާއެކު، ދިއްގަރު ދާއިރާގެ ގޮނޑިއާމެދު ގާނޫނީ
ސުވާލެއް އުފެދެ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވުމާއެކު، ބައި އިލެކްޝަން ބާއްވައި އެ އިލެކްޝަން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކާމިޔާބު ކުރެއްވި އެވެ. މިހާރު ވެސް ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ ފާރިސް އެވެ.
ގާނޫނީ ވަކީލް ނޫރުއްސަލާމް ދެކެވަޑައިގަންނަވާ ގޮތުގައި، ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ފާރިސް އެ ހުކުމްއާއެކު ވެސް ދެމި ހުންނަވާނެ އެވެ. އެހެން ނަމަވެސް އެ ހުކުމްގެ ސަބަބުން ނާޒިމްގެ ގޮނޑި ގެއްލި، ލިބުނު ގެއްލުމުގެ ބަދަލު އެހެން ގޮތަކުން އޭނާއަށް ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިއްގަރު ދާއިރާގެ ރައްޔިތުން އެވަނީ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ގަބޫލުކޮށްގެން އާ މެންބަރަކު ކޮށްފައި، ރައްޔިތުންގެ އެ ނިންމުމަށް މިއަދު ބަދަލެއް ނުގެންނެވި، އެހެން ނަމަވެސް ނާޒިމްގެ ގެއްލިފައިވާ ހައްގުތަކަށް ބަދަލު ލިބެން ޖެހޭ،" ނޫރުއްސަލާމް ވިދާޅުވި އެވެ.
އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ދިއްގަރު ދާއިރާގެ ގޮނޑިއާމެދު ހުކުމްގައި އެއްޗެއް ބުނެފައިނުވާއިރު ބަލަން ޖެހޭނީ މިހާރު އޮތް ގޮތަށް ކަން ދެމި އޮންނާނެ ކަމަށެވެ. ފާރިސްގެ ގޮނޑިއާމެދު ސުވާލު ނުއުފެއްދޭނެ ކަމަށެވެ.
ފާރިސް މައުމޫން މަޖިލީހުގައި --
އެކަމުގައި ސުވާލު އުފެދޭނަމަ ނުވަތަ ޗެލެންޖް ކުރަން ބޭނުންނަމަ ދާން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށާއި ގޮނޑިއާމެދު ގޮތެއް ނިންމަން ޖެހޭނީ ވަކި ހުކުމަކުންކަން ކަމަށް ގަބޫލު ކުރައްވާ ކަމަށް އެ ވަކީލް ވިދާޅުވި އެވެ.
"ވަރަށް ބައިވަރު ކަންކަން ގޯސްކޮށްފަ މި ހުރީ، އެ ކަންކަން ރަނގަޅު ކުރަން ފެށީ މިފަދަ ކަންކަން ފެންނާނެ، އެކަމަކު ގާނޫނީ ނިޒާމްގަ އެންމެންގެ ހައްގުތައް ވެސް ރައްކާތެރިކޮށް ދޭން ޖެހޭނެ، މިފަދަ ހާލަތްތަކުގައި އަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ ފާރިސްގެ ހައްގު ނުގެއްލޭ ގޮތަށް ނާޒިިމްއަށް ބަދަލު ދިނުން،" ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނާޒިމަށް ލިބުނު ގެއްލުމުގައި ފާރިސްގެ ޒިންމާއެއް ނެތެވެ. އޭނާ އެ ގޮނޑިއަށް ވާދަ ކުރައްވައި ކާމިޔާބު ކުރެއްވީ ގޮނޑި ހުސްވުމުންނެވެ. ހުކުމްއާއެކު ނާޒިމަށް ގޮނޑި އަލުން ދޭން ޖެހޭ ކަމަށް ބަލާނަމަ، ފާރިސްގެ ހައްގު ގެއްލޭނެ ކަމަށާއި ނަމަވެސް އެއީ މިކަމުގައި މައުސޫމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް މީގެކުރިން ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ --
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ފެންމަތިވެގެން އަންނަނީ ގާނޫނީ ނިޒާމް އެ ފުށް މި ފުށަށް ޖަހާތީ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިހާއީ ހުކުމެއް އަލުން ރިވިއު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބަލައިގެން އޭގެ ފަހަތުން އެހެން ގިނަ ކަންތައްތަކެއް ނޫނީ ފިޔަވަޅުތަކެއް އަޅާއިރު، ހުކުމް ރިވިއުކޮށް ބަދަލުކުރާނަމަ ދުސްތޫރީ ބޮޑެތި މައްސަލަތައް ނުކުންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ. ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ބަދަލުކުރި މިއީ ފުރަތަމަ ފަހަރެވެ.
އެހެން ވަކީލަކު ފާހަގަ ކުރެއްވި ގޮތުގައި ނާޒިމްގެ ހުކުމް ބާތިލްވުމާއެކު، އެއާ ގުޅިގެން ދެން އައި ކަންކަން ބާތިލް ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް ބުނެފައިވާތީ ކަމަށެވެ. ނާޒިމަށް ދިއްގަރު ދާއިރާގެ ގޮނޑި ލިބުމަކީ މި ހުކުމްގެ ނަތީޖާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، މި މައްސަލާގައި އަމަލު ކުރާނެ ގޮތަކާމެދު އޭނާ ވެސް ޔަގީނެއް ނޫނެވެ. އެއީ އޭރަށް މައުސޫމެއްގެ ހައްގު ގެއްލޭތީ އެވެ. އެ ގެއްލުމުގެ ބަދަލު ފާރިސްއަށް ދޭނެ ގޮތެއް ނުވިސްނޭތީ އެވެ.
ނާޒިމް ވަނީ ދިއްގަރު ދާއިރާގެ ރައްޔިތުން އޭނާގެ ހިދުމަތަށް އެދިއްޖެނަމަ، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ދައުރުގައި އެ ގޮނޑި ހޯދުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ. މި މަޖިލީހަށް ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ