މައުމޫން ގެއަށް ބަދަލު ނުކޮށްދޭތީ ނަސްރީނާ ކަރެކްޝަނަލް ސާވިސް އަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގޭ ބަންދަށް ބަދަލު ކުރަން ކަރެކްޝަނަސް ސާވިސްގެ މެޑިކަލް ބޯޑުން ދިން ލަފައާއި އެއްގޮތަށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ދީފައި ނުވާތީ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންފިއެވެ.
ކަރެކްޝަނަލް ސާވިސްއަށް ނަސްރީނާ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. ނަސްރީނާގެ އަރިހުގައި ދަރިކަނބަލުން ޔުމްނާ މައުމޫނާއި ރައީސް މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލު ވެސް ވަޑައިގެންނެވިއެވެ.
ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށް މެޑިކަލް ބޯޑުން ލަފާދެއްވުމުން ވެސް އެކަން ލަސްވަނީ ކީއްވެތޯ ބަލަން ކަރެކްޝަނަލް ސާވިސް އަށް މިއަދު ވަޑައިގެންނެވި ކަމަށާއި ނަމަވެސް ކަރެކްޝަނަލް ސާވިސް އަށް އެެއްވެސް ޖަވާބެއް ނުދެވުނު ކަމަށެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ވަކީލު ފައިސަލް ވިދާޅުވީ ކަރެކްޝަންގެ ބޭފުޅުން ބައްދަލު ކުރުމުން މެޑިކަލް ބޯޑުގެ ލަފައާއި އެއްގޮތަށް ރައީސް މައުމޫން ގޭ ބަންދަށް ބަދަލު ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރި ކަމަށެވެ.
"އެއް ކަމަކަށް މެޑިކަލް ބޯޑުގެ އެފަދަ ލަފައެއް އޮތްކަން ސާފުވި. އަޅުގަނޑުމެން އެދުނިން ލިއުން ހޯދަން. އެބޭފުޅުން ދެންނެވި އެފަދަ ޑޮކިއުމެންޓުތައް ދޫނުކުރާ ކަމަށް" ފައިސަލް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ނަމަވެސް ރައީސް މައުމޫންގެ ބަންދާއި މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމި ނަމަވެސް އެމަނިކުފާނު ހުންނެވީ ޖަލު ޙުކުމެއްގައި ކަމަށް ވާތީ ބަންދުން ދޫކޮށްލެވެން ނެތުމުން އެމައްސަލައިގައި ގޮތެއް ނުނިންމަން ގާޒީ ވަނީ ނިންމަވާފައެވެ. ރައީސް މައުމޫން ބަންދުން ދޫކޮށް ދިނުމަށް ޤާނޫނީ ވަކީލުން ވަނީ ހައިކޯޓުގައި ވެސް އެދިފައެވެ. ނަމަވެސް އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ