ރައީސް ޔާމީން އިންތިޚާބު ވާއިރަށް މައުމޫން ގެއަށް ބަދަލުކޮށްދޭނެ ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ވިދާޅުވަމުންދާތީ އެކަމަށް، ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ރައްދު ދެއްވައިފިއެވެ.
މިއަދު ނަސްރީނާ އިއްވި ބަޔާނެއްގައި ވިދާޅުވީ، މީގެ ދެދުވަސް ކުރިން އިބޫ ސޯލިހަށް ވޯޓު ދެއްވުމަށް ކުރި އިލްތިމާސާ ގުޅިގެން ސަރުކާރު ހިންގާ އިސް ފަރާތްތަކުން ވަރަށް ގިނަ ވާހަކަ ދައްކަމުން އެބަ ގެންދަވާ ކަމަށެވެ.
އޭގެ ތެރޭގައި ރައީސް މައުމޫން މިނިވަން ވާނީ ރައީސް ޔާމީން އިންތިޚާބު ވެގެން ކަމަށާއި ރައީސް ޔާމީން އިންތިޚާބު ވާއިރަށް މައުމޫން ގެއަށް ބަދަލުކުރާނެ ކަމަށް ބުނަމުން އަންނަ ކަމަށެވެ. އެއިން ދޭހަވަނީ މައުމޫން ބަންދުގައި ބަހައްޓާފައި ވެސް ހުރީ ކުށެއް ނެތި ގަސްދުގައި ކަމަށާއި މިހާރުވެސް މިނިވަން ކުރުމުގެ އިޚްތިޔާރު ލިބިފައިވާ ކަމަށް ވިދާޅުވެ ނަސްރީނާ ވަނީ ރައްދު ދެއްވާފައެވެ.
އަދި އެފަދަ ވާހަކަތަކަށް ހެއްލެން ބޭނުންނުވާ ކަމަށާއި އަނެއްކާވެސް އިބޫ ސޯލިހްއަށް ވޯޓު ދެއްވުމަށް މެޑަމް ނަސްރީނާ ވަނީ ދިވެހި ރައްޔިތުންގެ ކިބައިން އަނެއްކާވެސް އެދިވަޑައިގެންފައެވެ.
އިތުރަށް ނަސްރީނާ ވިދާޅުވެފައިވަނީ މިކުރާ މަސައްކަތަކީ ހަމައެކަނި ރައީސް މައުމޫން މިނިވަން ކުރުން ނޫން ކަމަށާއި، އެމަނިކުފާނު ފަދައިން ނުހައްގުން ޖަލަށް ލާފައިވާ ހުރިހާ ބޭފުޅުން މިނިވަން ކުރުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް އެންމެހާ ބޭފުޅުން ވެސް އިބޫ ސޯލިހް، ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓު ދެއްވަން އެދިވަޑައިގެންނެވިއެވެ.
ބޭނުމީ މައުމޫން އެކަނި މިނިވަންވާކަށް ނޫން، ނުހައްގުން ބަންދުކޮށްފައިވާ އެންމެން މިނިވަންވާން: ނަސްރީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ