ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނަނަން - އެމްޕީއެލް

އެމްޕީއެލްގެ ވެހިކަލުތަަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމަށް މެރީޑިއަމްއާއެކު ވެފައިވާ އެއްބަސްވުން ދަމަހައްޓަން އިއްޔެ ސިވިލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.
ޖުނައިދު ވިދާޅުވީ ކުންފުނީގެ ސީއީއޯގެ ހައިސިއްޔަތުން އެ ކުންފުންޏަށް ލިބޭ ހުރިހާ ގެއްލުމަކަށް ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށާއި ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ގޮތުން ހިތާމަ ކުރައްވާ ކަމަށެވެ.
ޖުނައިދު ވިދާޅުވީ މެރީޑިއަމްއާއެކު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށާއި, އެ އެއްބަސްވުމަކީ ކުންފުނީގެ އުސޫލުތަކާ ހިލާފު އެއްބަސްވުމެއް ކަމަށެވެ.
"އެއްމިލިޔަން ރުފިޔާއަށް ވުރެ މަތީގެ ހަރަދު ހިމެނޭ އެއްބަސްވުމެއް ނަމަ ކުންފުނީގެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ. އެކަމަކު މި އެއްބަސްވުން ކުންފުނީގެ ބޯޑަށް ގެންގޮސްފައެއް ނުވޭ،" ޖުނައިދު ވިދާޅުވިއެވެ.
މެރީޑިއަމްއަކީ އެމްޕީއެލުން ކުރި އިއުލާނާ ގުޅިގެން އެންމެ މަތިން އަގު ހުށަހެޅި އެއް ފަރާތް ކަމަށް ވެސް ޖުނައިދު ވިދާޅުވިއެވެ.
"އެގްރިމެންޓުގައި ނޯންނާނެ އެއީ އެމްޕީއެލްގެ ހުރިހާ ވެހިކަލަކަށް ތެޔޮ ސަޕްލައި ކުރަން ހެދި އެއްބަސްވުމެއް ކަމަށް. އަދި އެހެން ބައެއްގެ އަތުން ތެޔޮ ނުހޯދޭނެ ކަމަށް ވެސް،" ޖުނައިދު ވިދާޅުވިއެވެ. ޖުނައިދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި އެމްޕީއެލްގެ ފަސް ސައިޓަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރާނެ ފަރާތެއް ހޯދަން ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ބިޑު ކާމިޔާބު ކުރީ މެރީޑިއަމުން ކަމަށެވެ.
އެހެންކަމުން އެއް އަހަރު ދުވަހުގެ މުއްދަތަށް އެމްޕީއެލްގެ ފަސް ސައިޓަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމަށް މެރީޑިއަމްއާއެކު އެއްބަސްވެފައިވާ ކަމަށާއި، މެރީޑިއަމް ނޫން ފަރާތަކުން ތެޔޮ ސަޕްލައި ކުރުމަކީ އެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
އެމްޕީއެލުންވަނީ އެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުންވާ ކަމަށް ބުނެފައެވެ. ނަމަވެސް ހުކުމުގައި ބުނެފައިވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ ށަވިޔަނީގައި ކޮންޓްރެކްޓަކުން އެ ކޮންޓްރެކްޓުގައި ބައިވެރިންނަށް ލާޒިމު ކުރާ އަމަލެއް ކުރަން ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާ ހަރަދު ބޮޑުވުމަކީ އެ އަމަލެއް ކުރެވެން ނެތީ ކަމަށް ނުބެލުމަށް ބުނެފައިވާ ކަމަށެވެ.
އެހެން ކަމުން އެ ކުންފުންޏަށް ގެއްލުންވާ ކަމަށް އެމްޕީއެލުން ބުނާ ބުނުމަކީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ