ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި އުސޫލު ބާތިލްކުރުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ގާނޫނީ ވަކީލް ހަސަން ފިޔާޒު އާއި ވަކީލް އަނަސް އަބްދުއްސައްތާރު ހައިކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ހައިކޯޓުން ޖޭއެސްސީގެ މައްޗަށް 30 އޮކްޓޫބަރު 2014 ގައި ހުކުމްކުރީ އެ ކޯޓަށް ފަނޑިޔާރުން ނެގުމަށް އެކުލަވާލާފައިވާ އުސޫލު ބަދަލުކޮށް އާ އުސޫލެއް އެކުލަވާލުމަށެވެ.
ނަމަވެސް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން މިއަދު ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ކުރިން ހުންނެވި އަހްމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ ޖޭއެސްސީން އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކުރުމުންނެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ނުވަ ފަރާތަކުން ކުރިމަތިލެއްވި އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމާއި ގުޅިގެން އެ މައްސަލާގައި ކޯޓުން ވަކިގޮތެއް ނިންމަންދެން ފަނޑިޔާރުން ނެގުން ކުރިއަށް ނުގެންދިއުމަށް މީގެ ކުރިން ހައިކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުން ޖޭއެސްސީން ވަނީ ފަސްކޮށްފަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ސިވިލް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ހުސައިން މަޒީދާއި، އަބްދުﷲ ޖަމީލް މޫސާއާއި، މަރިޔަމް ނިހާޔަތާއި، ކްރިމިނިލް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުﷲ ދީދީ އާއި، މުހްތާޒު ފަހްމީ އެވެ. މީގެ އިތުރުން ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި، ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ ހަސަން އަލީގެ އިތުރުން ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ހުންނެވި އައިޝަތު ރިޒްނާއާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ވެސް ވަނީ ކުރިމަތިލައްވާފަ އެވެ. ނަމަވެސް ޝުޖޫން މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާ ނަން އަނބުރާ ގެންދެވިކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ އުސޫލު ރަނގަޅު: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ