ޔޮޓް ޓުއާސްގެ އަތުން ބީނާފުއްޓާއި ކަނޑާލި ފިނޮޅު އަތުލުމަށް ފޮނުވި ނޯޓިސް ރަނގަޅު ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް ހއ. ބީނާފުއްޓާއި އެ ރަށް ކައިރީގައިވާ ކަނޑާލި ފިނޮޅު ދިނުމަށް ހެދި އެއްބަސްވުން ބާތިލުކޮށް ފޮނުވި ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ހއ. ބީނާފުއްޓާއި އެ ރަށް ކައިރީގައިވާ ކަނޑާލި ފިނޮޅު ޔޮޓް ޓުއާސް ކުންފުންޏަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެކުންފުންޏާ ދެމެދު 2013 ވަނަ އަހަރުގެ އޮކްޓޯބަރު 22 ވަނަ ދުވަހު ހެދި އެއްބަސްވުން ބާތިލްކޮށްފައިވާކަން އަންގާ މިނިސްޓްރީން ނޯޓިސް ފޮނުވީ މިއަހަރުގެ އޯގަސްޓް ދެ ވަނަ ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ، ޔޮޓް ޓުއާސް ކުންފުނިން ބީނާފުއްޓާއި ކަނޑާލި ފިނޮޅުގެ ކުލި ނުދައްކާތޯ އަރާފައިވާ ޖޫރިމަނާއާއެކު ކުއްޔަށްވާ ފައިސާ ނުދެއްކުމުން ކަމަށެވެ. ބީނާފުއްޓާއި ކަނޑާލި ފިނޮޅު ޔޮޓް ޓުއާސް އަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ ރޭޓުންނެެވެ.
އެ އެއްބަސްވުން ބާތިލުކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައިިދިނުމަށް އެދި ޔޮޓް ޓުއާސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ އަންގާރަ ދުވަހު އެވެ. އެ މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު ހަލީމް އެވެ.
ހުކުމުގައި ބުނެފައިވަނީ ބީނާފުއްޓާއި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޔޮޓް ޓުއާސް އިން ދައްކަންޖެހޭ މިންވަރު ބަޔާންކޮށް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓޫރިޒަމް މިނިސްޓްރީން ސިޓީއެއް ފޮނުވިކަން އެނގެން އޮންނަ ކަމަށެވެ. މިނިސްޓްރީގެ ސިޓީގެ ޖަވާބުގައި އެ ކުންފުނިން ފޮނުވި ސިޓީގައި، ފައިސާ ނުދެއްކި އޮތީ ބިން ރަޖިސްޓްރީ ނުކުރެވި، އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ނޭނގި އޮތުމުން ކަމަށާއި އަދި އެ ފައިސާ އެއްފަހަރާ ދެއްކުމަކީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ދަތިކަމަކަށްވާތީ 18 މަސްދުވަހުގެ ތެރޭގައި ދެއްކޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވާކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޔޮޓް ޓުއާސް އިން ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި، ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ކަމަށް ބުނާ ޖޫރިމަނާ ފައިސާއަކީ އެކުންފުނިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އަދި ކުލީގެ ފައިސާ ދައްކާނެ ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ޔޮޓް ޓުއާސް އިން އެދުނު ގޮތަށް މަސްތަކަށް ބަހާލައިގެން ކުއްޔާއި ޖޫރިމަނާ ފައިސާ ދެއްކޭނެ ގޮތް 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ހަމަޖައްސައިދިން ކަމަށާއި ނަމަވެސް 2013 ވަނަ އަހަރުގެ އޮކްޓޯބަރު 22 ވަނަ ދުވަހު އެއްބަސްވުން ބާތިލްކުރުމާ ހަމައަށް ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިނުވާކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެކަންކަމަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކި ދުވަސްތަކެއް ފާއިތުވެފައިވަނީ ކުލި ދެއްކުމަށް މަސައްކަތް ކޮށް އެ ފައިސާ ދެއްކޭނެ މަގެއް ނުވަތަ ގޮތެއް ޓޫރިޒަމް މިނިސްޓްރީއަށް ދެއްކިފައިނުވާ ކަމަށް ބުނެ ޔޮޓް ޓުއާސް ކުންފުނިން ދައްކާފައިވާ ވާހަކަތަކަށް ބުރަދަނެއް ދެވެން ނެތް ކަމަށެވެ.
ޔޮޓް ޓުއާސް އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގައި، ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ ދައްކަންޖެހޭ މުއްދަތުހަމަވާތާ 60 ދުވަހުގެ ތެރޭގައި ދައްކާފައިނުވާނަމަ އެއްބަސްވުން ބާތިލްކުުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިދީފައިވާކަން ފާހަގަކޮށް، ސިވިލް ކޯޓުން ކަނޑައެޅީ ބީނާފުއްޓާއި ކަނޑާލި ފިނޮޅުގެ އެއްބަސްވުން ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސްއަކީ އެއްބަސްވުމާ އެއްގޮތަށް ދިން ނޯޓިސް އެއް ކަމަށެވެ.
އެހެންކަމުން ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން އެދުނު ގޮތަށް ޓޫރިޒަމް މިނިސްޓްރީގެ ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައި ދެވެން ނެތް ކަމަށް ގާޒީ ހަލީމް ވަނީ ހުކުމް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ