އަޅުގަނޑު ދެން ގުޅޭނީ އެމްޑީޕީ، ނޫނީ އަދާލަތާ: އަބްދުﷲ އަބްދުއް ރަހީމް

ޑީއާރްޕީން މިއަދު ވަކިވެވަޑައިގެންނެވި ނަމަވެސް އަދި އެއްވެސް ޕާޓީއަކަށް ސޮއި ނުކުރައްވާ ކަމަށާއި އެކަމަކު ގުޅިވަޑައިގަތުން އެންމެ ގާތީ އެމްޑީޕީ ނޫނީ އަދާލަތު ޕާޓީއާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި ހުންނަވައިގެން ޕާލަމެންޓްގެ އެހެން މެބަރެއްގެ ފޯނުން ސަންއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އޭނާ ޑީއާރްޕީ ދޫކޮށްލީ ހިތާމައިން ކަމަށާއި އަދި މިވަގުތު ޕާޓީއަކާ ނުގުޅިގެން ދުވަސްކޮޅަކު ނަމަވެސް ހުންނަވަން ޖެހިވަޑައިގަންނަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމިއަދު މިހުރީ ޑީއާރްޕީން ވަކިވެގެން، ވަކިމިވީ ހިތާމައާއެކުގައި. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަންވެފައިވާ ގޮތަށް ބަލައި މިވަގުތަށް ކުޑަ ދުވަސްކޮޅަކު ނަމަވެސް ޕާޓީއަކާއި ނުގުޅި ހުންނަންޖެހޭތީ ހިތާމަ ކުރަން، މިއަދުގެ ސިޔާސީ ފިިކުރަކީ ޕާޓީ ނިޒާމް އަޅުގަނޑުގެ ފިކުރަކީވެސް ޕާޓީ ނިޒާމް،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. "އެކަމަކު ޕާޓީއަކާ ގުޅުން އަޅުގަނޑު ލަހެއް ނުކުރާނަން. ސިޔާސީ މައިދާނުގައި ކުރިޔަށްދާނެ ޖާގަ އަޅުގަނޑަށް ފެންނަނީ އަދި އަޅުގަނޑުގެ ފިކުރުގައި މަސައްކަތް ކުރާތަން ފެންނަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ، އެއިން ޕާޓީއަކާ އަޅުގަނޑު ގުޅުމުގެ ފުރުސަތު ބޮޑު،"
އަދި ވިދާޅުވީ އޭނާގެ ސިޔާސީ ކެރިއަރުގެ މޫނު އަނބުރައިލާނެ މިޝްރާބު އެންމެ ބޮޑަށް ބުނެދެނީ އޭނާގެ ދާއިރާގެ ރައްޔިތުން ކަމަށާއި އިންތިހާބުތަކުގައި އެ ދާއިރާ ވޯޓުން އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ދޭން ބޭނުން ނުވާކަން ދައްކައިދޭ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުގެ ދާއިރާގެ ފިކުރަށް ބަލަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް ޑީއާރްޕީގެ ލިޑަރު ތަސްމީން އަލީގެ ދިފާއުގައި ގަދައަށް ވާހަކަފުޅު ދައްކަވައި އެޕާޓީގެ ޒެޑް ފެކްޝަނަށާއި ޒައީމް މައުމޫނަށް ބަހުގެ ހަމަލަ ދެއްވަމުން ވަޑައިގެނެނެވި އަބްދުﷲ އަބްދުއްރަހީމް ޑީއާރްޕީން ވަކިވަޑައިގަންނަވަން ޖެހުނު މައިގަނޑު ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ އޭނާ އަބަދުވެސް ވަކާލާތު ކުރައްވަމުން ވަޑައިގެންނެވި ކަންތައް ކަމަށާއި އޭނާގެ ޕާލަމެންޓަރީ ހަޔާތުން ފާއިތުވި ބައިގައި މުޅިވެސް އަމާޒު ކުރައްވާފައިވާނީ ގައުމު އެ މިޝްރާބަށް ގެންދިއުމަށް ކަމަށެވެ.
"އެހެންނަމަވެސް ޑީއާރްޕީ ކޮންޓްރޯލް ކުރައްވާ ދެ މަހުޖަނަކު ބޭނުންފުޅެއް ނުވޭ، އެހެންވާކަށް. އެބޭފުޅުން ގެންދަވަނީ އެކަމަށް ހުރަސް އަޅުއްވަމުން. ހަމައެއާއެކު އަޅުގަނޑު އުންމީދު ކުރަމުން، އެދެމުން އައި ދިމާއަށްދާން މިއަދު ސަރުކާރުން މަސައްކަތް ފައްޓަވައިފި. އެކަމަކު އެދިމާއަށް ދިއުމުގެ ފިކުރެއް ޑީއާރްޕީއަކު ނެތް، މުޅި ޕާޓީ ކޮންޓްރޯލުކުރާ މަހުޖަނުން ބޭނުންފުޅެއް ނުވޭ، ޓެކްސްގެ ނިޒާމް ގެންނާކަށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާކަށް،" އެކައުންޓްސް އާއި ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިން ޑިގްރީ ހާސިލު ކުރައްވާފައިވާ މެންބަރު ވިދާޅުވި އެވެ.
ޑީއާރްޕީ ކޮންޓްރޯލު ކުރަައްވާ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވާ ދެ މަހުޖަނުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޯގަސްޓް28، 2010ގައި ވެސް ކުއްލި ގޮތަކަށް އަބްދުﷲ އަބްދުއް ރަހީމް ވެރިކަންކުރާ އެމްޑީޕީއަށް ސޮއި ކުރެއްވެވި އެވެ. ނަމަވެސް 24 ގަޑިއިރު ނުވަނީސް އެ ނިންމެވުން އަނބުރާ ގެންދެވުމަށް ފަހު އޭނާ އޭރު ވިދާޅުވީ އެމްޑީޕީއަށް ސޮއިކުރެއްވެވީ "އެމްޑީޕީގެ ބޭފުޅުން އުނދަގޫކުރައްވާ ވަރުން" ކަމަށާއި އޭނާގެ ފިކުރާ އެމްޑީޕީގެ ފިކުރު ދިމާނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ