ބިޑް ނުކޮށް ދޫކުރާ ރަށްތައް ދައުލަތަށް ނަގާނަން: އިދިކޮޅު އިއްތިހާދު

ބިޑް ކުރުމަކާ ނުލާ ދޫކުރާ ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް އެގޮތަށް ދޫކުރާ ރަށްތައް ދައުލަތަށް ނަގާނެ ކަމުގައި މޯލްޑިވްސް ޔުނައިޓަޑް އޮޕޮސިޝަން (އެމްޔޫއޯ) އިން ބުނެފި އެވެ.
އެމްޔޫއޯ އިން މިގޮތަށް ބުނީ އެމްޔޫއޯ އިން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެމްޔޫއޯ ނުވަތަ އިދިކޮޅު އިއްތިހާދުން ބުނީ ބިޑް ނުކޮށް ދޫކުރާ ރަށްތައް އެބޭފުޅުންގެ ވެރިކަމެއްގައި ދައުލަތަށް ނަގާނެ ކަމަށެވެ.
އިދިކޮޅު އިއްތިހާދުގެ ޝެޑޯ ކެބިނެޓްގައި ހިމެނޭ ގެސްޓްހައުސް މިނިސްޓަރު އަދި މިސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ގާނޫނުތަކާއި އަދި ރާއްޖެ ގަބޫލުކޮށްފައިވާ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާއި ހިލާފު އިސްލާހެއް ކަމަށެވެ. އެހެންކަމުން އެބޭފުޅުން ސަރުކާރެއްގެ ފުރަތަމަ ދުވަހު މިގޮތަށް ދޫކުރެވޭ ރަށްތަކުގެ އެއްބަސްވުން އުވާލާނެ ކަމުގައިވެސް މަލީހް ވިދާޅުވި އެވެ.
"އިއްޔެ ފާސްކުރި އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގައި ރައްޔިތުންގެ މެދުގައި ގާއިމްކޮށްދީފައިވާ ހަމަހަމަކަމުގެ ހައްގު އެބަ ގެއްލިގެންދޭ. އަދި ހަަމަ މިހާރުވެސް އަމަލުކުރަމުންދާ ބައެއް ގާނޫނުތަކާ ވެސް މި އިސްލާހު އެބަ ފުށުއަރާ،" މަލީހު ވިދާޅުވި އެވެ.
މިއިސްލާހު ބައިނަލްއަގްވާމީ ހަމަތަކާއި ހިލާފު ވަނީ ކޮރަޕްޝަނާ ދެކޮޅު ބައިނަލްއަގްވާމީ މުއާހަދާތައް ރާއްޖެއިން ގަބޫލުކޮށްފައިވާތީ އާއި އެ މުއާހަދާތަކާއި މިއިސްލާހު ފުށު އަރާތީ ކަަމަށްވެސް މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްތަކާއި ފަޅުތަކަކީ ދައުލަތުގެ ތަކެތި ކަމަށްވާތީ އެތަންތަން ކުއްޔަށް ދެވެން ވާނީ ހާމަކަން ބޮޑު ގޮތެއްގައި ދައުލަތަށާއި ރައްޔިތުންނަށް ފައިދާވާ ގޮތެއްގައި ކަމަށެވެ.
މަލީހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިއަދު ޓޫރިޒަމާ ގުޅޭ ކަންކަން ކުރަމުން ގެންދަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެކުލަވާލާފައިވާ މެނިފެސްޓޯއާ ވެސް ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ގެސްޓް ހައުސްތަކުން ނިންމާފައިވާ ޓެކްސްގެ ސަބަބުން ގެސްޓް ހައުސްތަކުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއްވެ ވިޔަފާރިތައް ހަލާކުވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ