ޝަރީއަތްތަކަށް ނުފޫޒު ފޯރުވޭގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.
އެކޯޓުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާއި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހިނގާ ކަންކަމުގައި ގާނޫންތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައި ހުރިހައި އެންމެންގެވެސް އަމަލްތަކާއި ބަސްމަގު ބަހައްޓަންޖެހޭކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫން އަސާސީއާއި ހިލާފަށް ޝަރީއަތްތަކަށް ނުފޫޒު ފޯރުވޭގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއު ކުރުމަކީ މަނާކަމެއްކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނީ ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުން ލިބިގެންވަނީ ސުޕްރީމް ކޯޓަށްކަމަށްވާތީ ޝަރީއަތްތަކަށް ނުފޫޒު ފޯރުވޭގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.
އަދި އެކަންކަން ހިންގާ ފަރާތްތަކާއިމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުންދާނެކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ޝަރީއަތްތަކަށް ނުފޫޒު ފޯރުވޭގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފައިވާއިރު މިއީ ސީދާ ކޮންކަމަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މިރޭ ސުޕްރީމް ކޯޓުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު ޝަރިއަތުގެ އަޑުއެހުމެއް ތާވަލް ކޮށްފައިވާއިރު، ބަޔަކު ވަނީ ކޯޓްދޮށައް އެއްވެފައެވެ.
އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުޤީޤު ފުރިހަަމަ ނުވާކަމަށް ފުލުހުން ބުނެފައިވާތީ، އެތަހުޤީޤު ފުރިހަމަނުވަނީސް އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ހ ލޮބީ ހުސައިން ހުމާމްގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް، ތަންފީޒުކުުރުމަށް މިވަގުތަށް ބޭނުންނުވާ ކަމަށް ޑރ. އަފްރާޝީމްގެ ވާރިސުންވެސް ވަނީ ބުނެފައެވެ.
ޝަރީއަތްތަކަށް ނުފޫޒު ފޯރުވާނަމަ ފިޔަވަޅު އަޅާނަން: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ