ސިހުރު ހަދާ ކަމަށް ބުނާ ސްރީލަންކާގެ އެއްވެސް މީހަކާ ބައްދަލުނުކުރާ ކަމަށާއި ނަމަވެސް ލަންކާ އިން ލޯނެއް ހޯދައިދޭނެ ކަމަށް ބުނެ ބައްދަލުކުރަން އެދުނު މީހަކާ ބައްދަލުކުރެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމިން ގެންގުޅުއްވި ކަމަށް ރާއްޖެ ޓީވީން ބުނާ ލަންކާގެ ސިހުރު ހަދާ މީހާ ގާސިމް އިބްރާހިމާ ވެސް ބައްދަލުކުރެއްވި ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރާ ހަބަރުތަކާއި ގުޅިގެން ވީނިއުސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ލަންކާގެ މީހަކު ބައްދަލުކުރަން އެދުމުން އެމީހާއާ ބައްދަލުކުރެއްވީ އެއީ ލަންކާގެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަރިސް މީހެއް ކަމަށް ބުނާތީއާއި އަދި ލަންކާއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދެވިދާނެ ކަމަށް އެމީހާ ބުނުމުން ކަމަށެވެ.
"އަޅުގަނޑާ ބައްދަލުކޮށްފައި އޭނާ ދެއްްކީ ވެސް ލޯނެއް ހަމަޖައްސައިދެވިދާނެ ވާހަކަތަކެއް. އަދި ލަންކާއަށް ދިއުމަށް ވެސް އެދުނު. މިބައްދަލުވުމުގައި ސިހުރު ހެދުމުގެ ވާހަކަތަކެއް އޭނާ ދައްކާފައެއް ނެތް. އަދި ވިދާޅުވި އޭނާއަކީ ރާޖަޕަކްސާގެ ދަރިކަލަކާ ވެސް އަރިސް މީހެއް ކަމަށް. އެކަމަކު ދެން އެމީހާ އެވާހަކައެއް ދައްކާފައި ދިޔަ ފަހުން އަޅުގަނޑު އެކަން މާސީރިއަސް ކަމެއްގެ ގޮތުގައި ވިސްނައިގެން އެކަމަކާ ނުވެސް އުޅެވޭ އަދި ލަންކާއަށް ވެސް ނުދަން،" ލަންކާގެ ސިހުރުވެރިޔަކާއި ގާސިމް ބައްދަލުކުރެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނަކީ ދުވާލަކު އެތައް ސަތޭކަ ބަޔަކާ ބައްދަލުވާ މީހަކަށް ވާތީ، ބައްދަލުވާ އެންމެންގެ މައުލޫމާތު ހަނދާން ނުހުންނަ ކަމަށެވެ. ނަމަވެސް ލަންކާގެ ސިހުރުވެރިއަކާއި ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި އަދި ބައްދަލުވީ ރާއްޖެ ޓީވީން ބުނާ ސިހުރުވެރިޔާ އަސޭލާއާއި ކަމެއްވެސް ނޭނގޭ ކަަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމްގެ ރިސޯޓެއް ކަމުގައިވާ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ވެސް އެމަނިކުފާނު ސިހުރު ހަދާ ލަންކާގެ ދެ މީހަކު ގެންގުޅުނު ކަމަށް ބުނެ ދެކޭވޭ ވާހަަކަތައް ވެސް ގާސިމް އިބްރާހިމް ވަނީ ދޮގުކުރައްވާފަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނަކީ ސިހުރު ހަދައިގެން ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ ދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށްވާތީ އެފަދަ ކަމެއް ދުވަހަކު ވެސް ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމާ ބައްދަލުކުރި ލަންކާ މީހާ އެމަނިކުފާނާ ބައްދަލުކުރީ ޖޭޕީގެ ރަޖިސްޓްރާ އަހްމަދު ސައުދު މެދުވެރިކޮށެވެ.
މިމައްސަލާގައި ސައުދު މިރޭ ވީޓީވީގައި ވިދާޅުވީ ގާސިމާ ބައްދަލުކުރި ކަމަށް ރާއްޖެ ޓީވީން ބުނާ ލަންކާ މީހާ ގާސިމާ ބައްދަލުކުރީ ލޯނެއް ހޯދައިދޭނެ ކަމަށް ބުނެ ކަމަށެވެ. އަދި އެމީހާ އަކީ ސިހުރު ހަދާ މީހެއް ކަން އެއްވެސް އިރެއްގައި ގާސިމް އިބްރާހިމަށް ވެސް އަދި އޭނާއަށްވެސް އެނގިފައި ނުވާ ކަމަށާއި އަދި އެ ބައްދަލުވުމުގައި އެފަދަ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން އެއީ ސިހުރު ހަދާ މީހެއް ކަމަށް ވާނަމަ ގާސިމް އިބްރާހިމް އެމީހަކާ ބައްދަލުނުކުރައްވާނެ. އެއަށް ވުރެ އެމަނިކުފާނު ދީނީ ގޮތުން އަގީދާ މާވަރުގަދަވާނެ. އެމަނިކުފާނަކީ އެހެން ކަންކަން ކުރައްވަންޖެހިވަޑައިގަންނަވާ ވަރަށް ވުރެ މާކާމިޔާބު ބޭފުޅެއް،" ސައުދު ވިދާޅުވި އެވެ.
ސައުދު އިތުރަށް ވިދާޅުވީ ގާސިމާ ބައްދަލުކުރި މީހާ ލަންކާގެ ރައީސްއާ ބައްދަލުކުރަން އެޕޮއިންޓްމަންޓް ސިޓީއެއްވެސް ދެއްވި ކަމަށެވެ. ނަމަވެސް ގާސިމް ފަހުން އެކަމާ ނޫޅުއްވާ ކަމަަށާއި އަދި ގާސިމް ލަންކާއަށް ވަޑައިގެންފައި ނުވާ ކަމަށް ސައުދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ލަންކާ މީހަކާ ބައްދަލުވި، އެމީހާ ދެއްކީ ލޯނެއް ހަމަޖައްސައިދޭ ވާހަކަ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ