އުމަރު ވެރިކަމަށް ނުކުންނެވުމުގެ ކުރިން ވަޒީފާގެ ތަޖުރިބާ ހޯދުން ރަނގަޅުވާނެ: ނިހާން

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު ވެރިކަމަށް ކުރިމަތި ލެއްވުމުގެ ކުރިން ތަޖުރިބާ ހޯއްދެވުމުގެ ގޮތުން ސަރުކާރުގެ ވަޒީފާއެއް އަދާ ކުރެއްވުން ރަނގަޅު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމަފަން ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ސަން އެފްއެމެމްގެ "އޮއިވަރު" ޕްރޮގުރާމްގައި ރޭ ވަހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެވޭ ވަރުގެ ތަޖުރިބާއެއް އަދި އުމަރަށް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ކުޑަކުޑަ ވިޔަފާރި އެއް ހިންގުމަކުން ގަމެއް ނުހިންގޭނެ ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ އަށް ބަލާއިރު އަޅުގަނޑަށް އަދި އެބަ ބޭނުންވޭ އުމަރު ނަސީރަށް އާ ބަސް ބުނުމުގެ ކުރިން އަޅުގަނޑުމެންގެ ސަރުކާރެއްގެ ތެރޭގަ ތަންކޮޅެއް ސީނިޔާ ލެވެލްގެ ވަޒީފާ އެއްގަ ވުޒާރާ އެއްގަ ދުވަސް ކޮޅަކު މަޑުކޮށްލަން. އެއީ ތަޖުރިބާ ހޯއްދެވުމުގެ ގޮތުން. ގޮނޑިއެއްގެ އިށީނީމަ ތަޖުރިބާ ހުރެދާނެ. އެކަމަކު ފަންނުވެރި ކަމުގެ ގޮތުން ގައުމެއްގެ ނިސްބަތުން ހިދުމަތެއް ދޭން ބަލާއިރު މިއީ މާސިންގާހާ ބޮޑު ކަމެއް. އަދި ކުޑަކުޑަ ވިޔަފާރި ކޯޕްރޭޝަނެއް ހިންގުމަކުން، ވިޔަފާރި އެއް ހިންގުމަކުން ގައުމެއް ނުހިންގޭނެ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގައި ރާއްޖޭގެ ވެރިކަން ކުރެއްވޭ ވަރުގެ ގާބިލް ކަމާއި އެވަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ތިއްބެވި ކަމަށާއި މިވަގުތު ރާއްޖެ އަށް ބޭނުން ވަނީ މިހާރު ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމާއި އިގްތިސާދީ ގޮތުން ވެސް ގައުމު ކުރިއަށް ގެންދެވޭ ވަރުގެ ތަޖުރިބާއި ފަންނުވެރިކަން ލިބިފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ބަލާއިރު އުމަރު ނަސީރަށް ރާއްޖޭގެ ވެރިކަން ކުރެއްވޭ ވަރުގެ ތަޖުރިބާ އަދި ފަންނުވެރިކަން ލިބިވަޑައިގެންފައި ވާކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ވެރިކަމަށް ކުރިމަތި ލައްވާ ބޭފުޅެއްގެ އިގުތިސާދީ ތަޖުރިބާ ހުންނަން ޖެހޭ ކަމަށާއި އެގޮތުން ބަލާއިރު ވެސް އުމަރު ނަސީރު ހުންނެވީ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ އަބްދުﷲ ޔާމީން އަށް ވުރެ ވަރަށް ބަޑަށް ފަހަތުގައި ކަމަށެވެ.
ނިހާން އިތުރަށް ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅެއްގެ އަތުގައި ސެޓްވިކެޓެއް އޮތުމުން ނުވަތަ މަގުމަތީގައި ކުޑަ ދުވަސް ކޮޅަކު ތެޅުލުމުން ނިމުނީ ނޫން ކަމަށާއި ވެރިކަމަށް އަންނަ ބޭފުޅަކީ ހުރިހައި ރައްޔިތުންނަށް ވެސް ގަބޫލު ކުރެވޭ ވަކި ކަހަލަ ހަމަތަކަކާއި އުސޫލް ތަކެއް ހުންނަ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީގައިި ރާއްޖޭގެ ރައީސް ކަން ކުރެއްވޭ ވަރުގެ ގާބިލް ކަން ލިބިވަޑައިގެންފައިވާ ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި. ރައީސުލް ޖުމްހޫރީއްޔާ ކަމަށް ކުރިމަތި ލައްވާ ބޭފުޅެއްގެ އަތުގައި ހަމަ އެކަނި ސެޓްފިކެޓެއް އޮތުމަކުން ނިމުނީއަކީ ނޫން. ކުޑަ ދުވަސްކޮޅަކު މަގުމަތީގައި ތެޅިލުމަކުން ވެސް ނިމުނީކީއެއް ނޫން. އަޅުގަނޑުމެންގެ ވެރި މީހާއަކީ ކުރީގެ ރައީސް ނަޝީދު އުޅުއްވިހެން ފެންނަ ކޮންމެ މީހެއްގެ ކޮނޑަށް ބޮލަށް އަރާ ކުޑަ ވަރެއްގެ ރާމާ މަކުނަކަށް ވެގެން ކަމަކު ނުދާނެ. އެ ފުރުސަތު ދެވިގެން ވެސް ނުވާނެ. ރައީސުލްޖުމްހޫރީއްޔާއެއް ވެއްޖިއްޔާ ކޮންމެ ވެސް ކަހަލަ ކަރާމާތަކާއި، އުސޫލްތަކަކާއި ގޮތެއް ހުންނަ ޖެހޭނެ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ވެރިއަކަށް ހުންނަވާ ބޭފުޅާ ހޮޅުއަށްޓަށް ދިއުން އެއީ މަައްސަލަ އެއް ނޫން ކަމަށާއި އަދި ސިޔަސީ ގޮތުން ސަމާސާ ކުރަން ޖެހޭ ހާލަތް ތަކުގައި ސަމާސާ ކުރުމަކީ ވެސް މައްސަލަ އެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަންތައްތައް ހުންނަން ޖެހޭނީ ދިވެހި މުޖުތަމައު ބަލައިގަނެވޭ ފަދަ މިންގަޑެއް ނުވަތަ ހުދޫދެއްގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ މިފަހަރު ހޮވާ އިރު ވޭތުވެދިޔަ ފަސް އަހަރުގެ ތަޖުރިބާ އަށް ނަޒަރު ހިންގާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ