އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެއްސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން އެ އިންތިޚާބު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ އިރު އިންތިޚާބާ ގުޅޭ ކަންކަމުގައި ފުލުހުން ތަބާވާނީ ކޯޓުގެ އަމުރަށް ކަމަށް ފުލުހުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލް ކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ ހޯމަދުވަހު ނެރުނު ވަގުތީ އަމުރުގައި ވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ "ސުޕްރީމް ކޯޓުގެ އަމުރަށް ފުލުހުން 100 ޕަސެންޓް ތަބާވާނެ" ކަމަށާއި އެ އަމުރުގެ ފަހުން ވޯޓާ ގުޅޭ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު އައުމުގެ ކުރިން ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް ގެންގޮސްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގައި މިހާރު ވެސް ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަން ކޯޑިނޭޝަން ކޮމިޓީގައި ވެސް އަޅުގަނޑުމެން ވާނީ ދަންނަވާފައި ފުލުހުން އަމަލު ކުރާނެ ގޮތް. އަޅުގަނޑުމެން ދަންނަވާފައި ވާނީ ފުލުހުން އަމަލުކުރާނީ ސުޕްރީމް ކޯޓުގެ އަމުރަށޭ. އެކަމަކު ހުކުމަށް ފަހު ވެސް އަޅުގަނޑުމެން މިދަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ސިކިއުރިޓީ އާއި އެ ބޭފުޅުންގެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައި ދެމުން،" އޮފިޝަލް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް ރަށްރަށަށް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ނުލިބޭ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ބުދަދުވަހު ބޭއްވި ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކޯޓުން ހުކުމް ކުރުމުގެ ކުރިން އިންތިޚާބު ނުބާއްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގެ ތައްޔާރީތައް ކުރިއަށް ގެންދަނީ އެ ތައްޔާރީތައް ހުއްޓާލަން އަންގާފައި ނުވާތީ، ކޮންމެ ވަގުތެއްގައި ހުކުމްކުރި ނަމަވެސް އިންތިޚާބު ބޭއްވޭނެ ގޮތް ހަދާށެވެ.
ފުލުހުން އަމަލުކުރާނީ ސުޕްރީމް ކޯޓުގެ އަމުރަށް: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ