މެމްބަރު ނާޒިމްގެ ޝަރީއަތް މާދަމާ، ހުކުމް ކުރާނެ ކަމަށް ބެލެވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި، މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ އިސްތިއުނާފް މައްސަލަތަކުގެ ޝަރީއަތް، މާދަމާ ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ. މި މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލައި ބެންޗުން ބޭނުންވާ ކަންކަން ވެސް ސާފުކޮށްފައި ވާތީ، މާދަމާ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، އޭނާ ހިންގެވި ނަމީރާ ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންތަކެއް ބޭނުންކޮށް، އޮޅުވާލައިގެން ލިޔެކިޔުންތަކެއް ހުށަހަޅައި ސަރުކާރުގެ ހަތަރު މަޝްރޫއުއެއް ކާމިޔާބުކުރި ކަމަށް ބުނެ އެވެ.ކުރީގެ އެޓޯލްސް މިނިސްޓްރީން ބަނދަރު ބައްތިތަކެއް ގަތުމަށާއި މިސްކިތްތަކަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށާއި 15،000 ދިދަ ގަތުމަށް ދެ ފަހަރަކަށް އިއުލާން ކުރުމުން، އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން، އެ ޕްރޮޖެކްޓް ނާޒިމް ކާމިޔާބު ކުރެއްވި ކަމަށް ދައުލަތުން ގެންދަނީ ބުނަމުންނެވެ.ދައުލަތުން ސުޕްރީމް ކޯޓަށް އެ މައްސަލަތައް ހުށަހެޅީ، ނާޒިމްގެ މައްޗަށް
އެކަނި އެ ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ
ހުކުމަށް، ހައި ކޯޓުން ތާއީދުކޮށްފައި ވާތީ އެވެ. ދައުލަތުން ސުޕްރީމް
ކޯޓުގައި އެދެނީ، ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ނާޒިމްގެ މައްޗަށް އެ
ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.ވަކި ވަކިން ކުރިއަށްދާ ހަތަރު މައްސަލައިގެ ޝަރީއަތް ވެސް މާދަމާ ހެނދުނާއި މެންދުރުފަހު ބާއްވަން ވަނީ ތަވާލުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުން ބައްލަވާ މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލާފައި ވާއިރު، މި މައްސަލައިގައި އިތުރު ކަންތައްތަކެއް ސާފުކުރުމަށް މިދިޔަ ހަފުތާގައި ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. އެހެންކަމުން، މާދަމާ ބާއްވަން ތާވަލުކޮށްފައި ވަނީ، ހުކުމް ކުރުމުގެ މަޖިލިސް ކަމަށް ބެލެވެ އެވެ.  ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމަށް ވިޔަސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން، އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ