ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު

ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުންނެވީ "ރަހީނުކޮށްފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
 
ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ނުވަތަ އެފަދަ އެހެން ވޯޓެއްވެސް ނެގޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހާޒިރުގައި ކަމަށް ޤާނޫނުގައި ބުނެފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބަންދުގައި ހުރި ނަމަވެސް އެ މެމްބަރަކު މަޖިލީހަށް ހާޒިރުކޮށްދޭންޖެހޭނެ ކަމަށް ޤާނޫނުގައި ބުނެފައިވާކަމަށާއި ނަމަވެސް އެ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
 
ޝާހިދު ވިދާޅުވީ ޤާސިމް އިބްރާހިމް ހައްޔަރުގައި ހުރީ އިޖުރާތުތަކުގެ ބޭރުން ކަމަށާއި އެއީ ގާނޫނީ ބަންދެއް ނޫން ކަމަށެވެ. ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަމަށް ގަބޫލުކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
 
"ދައުލަތުގެ އެއްވެސް ބާރަކުން، މަޖިލީހުގެ މެމްބަރުންގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދާކުރަންޖެހޭ ވާޒިބުތައް އަދާނުކުރެއްވޭގޮތަކަށް ހުރަސްއެޅުމަކީ މިހާރު އޮތް ޤާނޫނު އަސާސީއާއި، ޤާނޫނުގެ އިމުގެ ބޭރުން އޮތް ކަމެއް. އެހެންކަމުން ވަރަށް ސާފުކޮށް ޤާނޫނީގޮތުން މިކަން ދިރާސާކުރައްވާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ. އޮނަރަބަލް ޤާސިމް އިބްރާހިމް އެ ހުންނެވީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ސަރުކާރުގެ ފަރާތުން ރަހީނުކުރައްވާފައި. އެއީ ޤާނޫނީ ބަންދެއް ނޫން. އެމަނިކުފާނު އެ ހުންނެވީ ސަރުކާރުގެ ފަރާތުން ރަހީނުކުރައްވާފައި"  ޝާހިދު ވިދާޅުވި އެވެ.
 
އުވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ޝާހިދު ބެލެހެއްޓެވިއިރު، އޭރު އޮތް ސަރުކާރުން މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރެއްވި ކަމަށާއި ނަމަވެސް، އެގޮތުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި ގާސިމް އިބްރާހިމް ވެސް ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އެ ފަހަރު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައީ އެ ދެ މަންބަރުން ހާޒިރުކޮށްގެން ކަމަށާއި މިފަހަރު ވެސް އެގޮތަށް މަޖިލީހުގެ ރައީސް އަމަލުކުރައްވަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 
އެ ނޫން ގޮތަކަށް ވާނަމަ މިކަން ވެގެން ދާނީ ސަރުކާރުން ކުޅޭ ކުޅިގަނޑަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. 
ޝާހިދު ވިދާޅުވީ ފެނިގެންދާ މަންޒަރަކި ސަރުކާރަށް އެއްވެސް ކަމެއް ހަޒަމް ނުކުރެވިގެން އުޅޭ މަންޒަރުކަމަށެވެ. އަދި ސަރުކާރުގެ އިތުބާރު ގެއްލިގެންދަ މިންވަރު ވަރަށް ސާފުކޮށް ފެނިގެންދާކަމަށާއި، ސަރުކާރުގެ ފަރާތުން މެމްބަރަކު އިދިކޮޅު ފަރާތްތަކާއި ގުޅޭ ކޮންމެ ފަހަރަކު، އިދިކޮޅު މެމްބަރަކު ހައްޔަރުކުރަމުންގެންދާ ކަމަށެވެ.
 
ޝާހިދު ވިދާޅުވީ އިތުރު މެމްބަރުތަކެއް ހައްޔަރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މެމްބަރުންތަކަށް ނުރައްކާތައް ކުރިމަތިކުރާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
 
ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށްދެން އޮންނާނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ. އަދި މެމްބަރުތަކަށް ބިރެއްދެކި ނަމަވެސް ހަށިފޮޅާލާ މެމްބަރުންތައް ނިކުންނަ މަންޒަރު ފެނިގެންދަކަމަށް ޝާހިދު ވިދާޅުވި އެވެ.
 
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ޤާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކޯޓުން ވަނީ ޤާސިމްގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތަކާއި ގުޅޭގޮތުން ހެކި ހޯދުމަށް 6 ދުވަހުގެ ބަންދުގެ މުއްދަތެއްޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ